ދުނިޔެ
ސީރިޔާގެ ދެރާ ސަރަހައްދަށް އިޒްރާއީލުން ދިން ހަމަލާއިން "ބޮޑެތި ގެއްލުންތަކެއް" ވެއްޖެކަމަށް އެޤައުމުން ބުނެފި

އިޒްރާއީލް އާއި ސީރިޔާ ދެމެދުގައިވާ ގޯލަން ހައިޓްސް ސަރަހައްދުގެ ބޯޑަރު ކައިރީގައި އިޒްރާއީލް މިލިޓަރީ ވެހިކަލެއް
ސީރިޔާގެ ދެރާ ސަރަހައްދަށް އިޒްރާއީލުން ދިން ހަމަލާއާ ގުޅިގެން އިންސާނީ އަދި މާއްދީ "ބޮޑެތި ގެއްލުންތަކެއް" ވެފައިވާ ކަމަށް ބުނެ ސީރިޔާ ސަރުކާރުން ބުނެފިއެވެ.
ސީރިޔާ ސަރުކާރުގެ ފޮރިން މިނިސްޓްރީން އެ ހަމަލާ ކުށްވެރިކޮށްފައިވާކަން ސީރިޔާގެ ސަރުކާރުގެ ނޫސް އެޖެންސީ ސާނާއިން ވަނީ ރިޕޯޓުކޮށްފައެވެ.
އިޒްރާއީލުގެ ސިފައިން ބުނާ ގޮތުން، އަންގާރަ ދުވަހު ސީރިޔާ އިން ދެ މިސައިލެއް އިޒްރާއީލް އަށް އަމާޒުކޮށް ދޫކޮށްލާފައިވެއެވެ. މި މިސައިލްތައް ވެއްޓިފައިވަނީ އިޒްރާއީލުން ހިފާފައިވާ ގޯލަން އުސްބިމުގެ ހުސް ސަރަހައްދުތަކަކަށެވެ.
ނަމަވެސް މިއީ އަދި ކަށަވަރުކުރެވިފައިނުވާ ރިޕޯޓުތަކެއް ކަމަށް ސީރިޔާގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އިޒްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުނެފައިވަނީ މި މިސައިލްތަކާ ގުޅިގެން ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ސީދާ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
"އިޒްރާއީލް ދައުލަތަށް އަމާޒުކޮށް ދެވޭ ކޮންމެ އިންޒާރަކަށް އަދި ހަމަލާއަކަށް ސީރިާގެ ރައީސް ސީދާ ޒިންމާ އުފުލަން ޖެހޭނެ، އަދި މިކަމަށް ފުރިހަމަ ޖަވާބެއް ލިބޭނެ" ކަމަށް އޭނާ ބުނެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން އިޒްރާއީލުގެ ސިފައިން ވަނީ ދެރާ ސަރަހައްދުގެ ވާދީ ޔަރްމޫކް ސަރަހައްދަށް އާޓިލަރީ ހަމަލާތަކެއް ދީފައެވެ. މި ސަރަހައްދަކީ އިޒްރާއީލުން ހިފާފައިވާ ގޯލަން އުސްބިމާ ކައިރި ސަރަހައްދެކެވެ. ފާއިތުވި ހަފްތާތަކުގައި މި ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
މީގެ އިތުރުން، ޔަމަނުގެ ހޫތީންވެސް ވަނީ އިޒްރާއީލުގެ ޔައްފާ އަށް ބެލިސްޓިކް މިސައިލެއް ދޫކޮށްލާފައިވާ ކަމަށް ބުނެފައެވެ. ހޫތީން ބުނާ ގޮތުން މިއީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދޭ ހަމަލާތަކެކެވެ.