ޚަބަރު
އާންމު މަޖިލީހުގެ ނައިބު ރައީސްކަން ރާއްޖެއަށް ލިބުމުން، ދުނިޔޭގެ އެހެން ޤައުމުތަކުން ރާއްޖެ ބަލައިގަންނަ މިންވަރު ދައްކުވައިދޭ :އެމްބެސެޑަރ އަޙްމަދު ޝިއާން

ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ބައިލެޓްރަލް، އެމްބެސެޑަރ އަޙްމަދު ޝިއާން
ދިވެހިރާއްޖެ އދ. ގެ އާންމު މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެން، ބައިނަލްއަޤްވާމީ މަޝްރަޙުގައި ރާއްޖޭގެ ބަސްވިކޭކަން ސާބިތުވެގެން ދިޔަކަމަށް ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ބައިލެޓްރަލް، އެމްބެސެޑަރ އަޙްމަދު ޝިއާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްބެސެޑަރ ޝިއާން ވިދާޅުވީ، އދ. ގެ 80 ވަނަ އާންމު މަޖިލީހުގެ ނައިބު ރައީސްކަން ރާއްޖެއަށް ލިބިގެން ދިއުމުން، ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ރާއްޖެ ބަލައިގަންނަ މިންވަރު ދައްކުވައިދޭ ކަމަށެވެ.
މި މަޤާމުގެ ޒިންމާތަކުގެ ތެރޭގައި، އާންމު މަޖިލީހުގެ ރައީސް ހާޒިރުވެވަޑައިނުގަންނަވާ ހާލަތްތަކުގައި ރިޔާސަތު ބެލެހެއްޓެވުމާއި އެކި ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން ހިމެނޭ ކަމަށް އެމްބެސެޑަރ ޝިއާން ފާހަގަކުރެއްވިއެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުން ރާއްޖެ މި މަޤާމަށް އިންތިޚާބުވުމަކީ ބައިނަލްއަޤްވާމީ މަޝްރަޙުގައި ރާއްޖެއަށް ލީޑުކޮށްގެން ކަންކަން ކުރެވޭނެކަން ސާބިތުކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އދ. ގެ އެހެނިހެން މުހިންމު މަޤާމުތަކަށްވެސް ރާއްޖެ އިންތިޚާބުވެފައިވާކަން އެމްބެސެޑަރ ޝިއާން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ސްޓޭޓަސް އޮފް ވިމެންގެ މެންބަރުކަމާއި، ޔުނެސްކެޕްގެ އޭޝިއާ ޕެސިފިކްގެ އިންސްޓިޓިއުޓް ފޯ ޑިޒާސްޓަރ މެނޭޖްމަންޓްގެ މެންބަރުކަން ހިމެނެއެވެ.
މި އިންތިޚާބުތަކުން ރާއްޖެއަށް ކާމިޔާބު ލިބެނީ، އެކި ދާއިރާތަކުން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް އެހެން ޤައުމުތަކުން ބަލައިގަނެ، ރާއްޖޭގެ ތަޖުރިބާއާއި ޤާބިލުކަމަށް އިތުބާރު ކުރާތީ ކަމަށް އެމްބެސެޑަރ ޝިއާން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ކާމިޔާބާ ގުޅިގެން ވިދާޅުވެފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭ އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖެއިން އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި އދ. ގެ މެންބަރު ޤައުމަކަށް ވިތާ 60 އަހަރު ފުރޭއިރު، މި ނިޒާމު އިތުރަށް ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން މެދުކެނޑުމެއް ނެތި މަސައްކަތް ކުރާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުން ޖުމްލަ 5 ނައިބު ރައީސުން އިންތިޚާބު ކޮށްފައިވާއިރު، ރާއްޖޭގެ އިތުރުން މި މަޤާމަށް އިންތިޚާބުވެފައިވަނީ ބަންގްލަދޭޝް، ލުބުނާން، ސަޢުދީ އަރަބިޔާ އަދި ޓިމޯރ-ލެސްޓެވެ.