Ads by Stelco

ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކަށް ޖުޑީޝަރީ ކޮމިޓީން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކަށް ޖުޑީޝަރީ ކޮމިޓީން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖޫން 2025، 12:39

04 ޖޫން 2025، 12:39

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ދެ ބޭފުޅުންގެ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުށަހެޅުއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިންނެވެ. މިއީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ސުލޫކީ މައްސަލައެއްގައި މަޤާމުން ވަކިކުރެވުމާ ގުޅިގެން ހުސްވެފައިވާ ދެ މަޤާމަށް ކުރެވޭ އައްޔަންކުރުމެކެވެ.

ޖުޑީޝަރީ ކޮމިޓީން މި ދެ ބޭފުޅުންނަށް ރުހުން ދިނީ ކޮމިޓީގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ. މި ނިންމުމަކީ ޖޭއެސްސީން މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ނިންމުމަށްފަހު ނިންމި ނިންމުމެކެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން 12 ފަރާތަކުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން މި ދެ ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ޖޭއެސްސީގެ ލަފާގެ މަތިންނެވެ.

މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރަސްމީކޮށް އައްޔަން ކުރެވޭނީ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅި، މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ފާސްވުމުންނެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އެ ދެ ބޭފުޅުން އައްޔަން ކުރައްވާނެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS