ޚަބަރު
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެއްޖެ: ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 14.8 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މިނިސްޓްރީ އޮފް ފިނޭންސުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. މި ރިޕޯޓުގައިވާ ގޮތުން، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14.8 އިންސައްތަ އިތުރުވެފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 16.5 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 13.0 ބިލިއަން ރުފިޔާއެވެ. މިއީ ޖުމުލަ އާމްދަނީގެ 78.4 އިންސައްތައެވެ.
ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާ ގުޅިގެން ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ 49.8 އިންސައްތަ އިތުރުވެފައެވެ. މިނިސްޓްރީ އޮފް ފިނޭންސުން ބުނާ ގޮތުގައި މިއީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 8.3 އިންސައްތަ އިތުރުވުމާ ގުޅިގެން އައި ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމާއެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 47.1 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް، ދައުލަތުގެ ޚަރަދުތައް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.3 އިންސައްތަ ދަށްވެފައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 2.0 އިންސައްތަ އަދި ކެޕިޓަލް ޚަރަދު 65.5 އިންސައްތަ ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.