ދުނިޔެ

އެހީގެ ތަކެތި ހޯދަން ދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާދިންއިރު އިޒްރާއިލް ސިފައިން އަމާޒުކުރީ މެޔާއި ބޮލަށް

އެހީގެ ތަކެތި ހޯދަން ދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާދިންއިރު އިޒްރާއިލް ސިފައިން އަމާޒުކުރީ މެޔާއި ބޮލަށް

އެހީގެ ތަކެތި ބަލައި ދިޔަ ބަޔަކު އެނބުރި އަންނަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖޫން 2025، 09:49

03 ޖޫން 2025، 09:49

އެހީގެ ތަކެތި ހޯދަން ގޮސް ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާދިންއިރު އިޒްރާއިލް ސިފައިންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ މެޔާއި ބޮލަށް ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ. 

ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ބެހުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ "މަރުގެ ދަންތުރަ" ތަކެއް ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް ޓީމުތަކުން ވަނީ ސިފަކޮށްފައެވެ. މި ސަރަހައްދުތަކަކީ އިންސާނީ ރައްކާތެރި ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަފާހުގެ ހުޅަނގު ސަރަހައްދުގައި އިޒްރާއީލުން ޤާއިމުކޮށްފައިވާ ތަންތަނެވެ.

ކާބޯތަކެތި ހޯދުމަށް އެ ސަރަހައްދުތަކަށް ދިޔަ ހާހުން ގުނާލެވޭ ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލު ސިފައިން ވަނީ ބަޑި ޖަހައިފައެވެ. 

މީގެ ތެރޭގައި ދަރިންނާއި އާއިލާއަށް ކާންދިނުމަށް މަސައްކަތްކުރި އަންހެނެއްވެސް ހިމެނެއެވެ. މި ހަމަލާތަކާ ގުޅިގެން  ކާބޯތަކެތީގެ ޕާރްސަލް ހިފައިގެން ތިބި ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.

އިޒްރާއީލު ސިފައިން މައިގަނޑު ގޮތެއްގައި ހަމަލާ އަމާޒުކޮށްފައިވަނީ މީހުންގެ ބޮލާއި، މޭ މައްޗާއި، ހަށިގަނޑުގެ މަތީގެ ހިސާބުތަކަށް ކަމަށްވުމާއެކު، ގިނަ އަދަދެއްގެ ޒަޚަމްވި މީހުން އަދިވެސް ތިބީ ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ޒަޚަމްވެފައިވާ ގިނަ މީހުންގެ ހާލަތު ވަރަށް ސީރިއަސްވެފައި ނާޒުކެވެ.

ނާސިރު ހޮސްޕިޓަލްގައި ލޭގެ ސްޓޮކާއި މެޑިކަލް ސަޕްލައިސް ދަނީ ހުސްވަމުންނެވެ. އެހެންކަމުން ލޭ ހަދިޔާކުރުމަށް ހޮސްޕިޓަލުން ވަނީ އާންމުންނަށް ގޮވާލާފައެވެ.

ޞިއްޙީ ވުޒާރާގެ ފަހުގެ މައުލޫމާތު ދައްކާ ގޮތުގައި، ކާބޯތަކެތި ބެހުމުގެ ސަރަހައްދުތައް ޤާއިމުކުރި ފަހުން މަދުވެގެން 102 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 460 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS