ދުނިޔެ

އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވި 10 އަހަރުގެ ކުއްޖެއްގެ ފަރުވާ ލަސްވެ މަރުވެއްޖެ، ރައްޔިތުން ރުޅިގަދަވެ ހަމަނުޖެހުން ހިންގައިފި

އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވި 10 އަހަރުގެ ކުއްޖެއްގެ ފަރުވާ ލަސްވެ މަރުވެއްޖެ، ރައްޔިތުން ރުޅިގަދަވެ ހަމަނުޖެހުން ހިންގައިފި

އިންޑިއާގައި ރޭޕާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖޫން 2025، 06:17

03 ޖޫން 2025، 06:17

އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވި 10 އަހަރުގެ ކުއްޖެއްގެ ފަރުވާ ލަސްވެ މަރުވުމުން އެސަރަހައްދުގެ ރައްޔިތުން ރުޅިގަދަވެ ހަމަނުޖެހުން ހިންގައިފިއެވެ. 

މިހާދިސާއަކީ އިންޑިއާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ބިހާރު ސްޓޭޓްގައި ހިނގިހާދިސާއެކެވެ.

 

ޕަޓްނާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް (ޕީއެމްސީއެޗް) ގައި އާދީއްތަ ދުވަހު އެ ކުއްޖާ މަރުވެފައިވާއިރު، އެ ކުއްޖާގެ ބެލެނިވެރިޔާ ބުނެފައިވަނީ ހޮސްޕިޓަލުގައި 4 ގަޑިއިރު ވަންދެން ބޭއްވުމަށްފަހު ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކޮށް، އެއްވެސް ލަސްވުމެއް ނެތި ފަރުވާ ދީފައިވާ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ބިހާރު ސަރުކާރަށް ފާޑުކިޔަމުންދާއިރު، ސަރުކާރުން އެއްވެސް އިހުމާލެއް ވެފައިވާކަން ދޮގުކޮށްފައިވެއެވެ. މި މައްސަލައިގައި ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް ކޮމިޝަން ފޮރ ވިމެން އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، ހޮސްޕިޓަލުގެ ދައުރު ތަހުގީގުކުރުމަށް އެދިފައެވެ.

މަރުވި ކުއްޖާއަކީ ދަލިތް މުޖުތަމައުގެ ކުއްޖެކެވެ. އިންޑިއާގެ ހިންދޫ ކާސްޓް ނިޒާމުގައި އެންމެ ދަށު ފަންތީގައި ހިމެނޭ މި މުޖުތަމައުގެ މީހުންނަށް ގާނޫނީ ރައްކާތެރިކަން ލިބިފައިވީ ނަމަވެސް، އަދިވެސް ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހޭބައެކެވެ.

މެއި 26 ވަނަ ދުވަހު މުޒަފަރްޕޫރުގައި އޭނާގެ ބޮޑުދައިތަގެ ގޭ ކައިރީގައި ދިރިއުޅޭ މީހަކު އޭނާއަށް ރޭޕްކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. ފުލުހުން ވަނީ މި މައްސަލައިގައި އެއް ފަރާތެއް ހައްޔަރުކޮށްފައެވެ. ކުއްޖާ ގެއްލުނީ ގޭ ބޭރުގައި ކުޅެން އުޅެނިކޮށެވެ. އޭނާ ފެނުނުއިރު އޭނާ ފެނިފައިވަނީ އަނިޔާތަކަކާއި އެކު މަގުމަތިންނެވެ. ފުލުހުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑުގައި ވަޅިން ހަރާފައިވާ އެތައް ތަނެއް ހުއްޓެވެ.

މި މައްސަލައިގައި ހޮސްޕިޓަލުގެ އިސް އޮފިޝަލް އައިއެސް ޓާކުރު ވިދާޅުވެފައިވަނީ ކުއްޖާއަށް ފަރުވާ ދިނުމުގައި އެއްވެސް ލަސްވުމެއް ނެތް ކަމަށެވެ. އަދި ކުއްޖާ ގެނެވުނީ އެޑްވާންސް ލައިފް ސަޕޯޓް އެމްބިއުލަންސެއްގައި ކަމަށާއި، އެ އެމްބިއުލަންސްގައި ކްރިޓިކަލް ކެއަރގެ ހުރިހާ ވަސީލަތްތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބިހާރް ސްޓޭޓްގައި އިދިކޮޅު ޕާޓީތަކުން އެކުއްޖާ މަރުވުމާ ގުޅިގެން ގިނަ އިހުތިޖާޖުތަކެއް ބާއްވައިފައިވެއެވެ. ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ އެ އަންހެން ކުއްޖާގެ މަރަކީ "ވަރަށް ލަދުވެތި" ކަމެއް ކަމަށާއި، އިހުމާލުވި އޮފިސަރުންނާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"ރޭޕް ގެ ޝިކާރައަކަށްވި ކުއްޖާ ޕީއެމްސީއެޗްގެ ބޭރުގައި ގަޑިއިރުތަކެއް ވަންދެން އެޑްމިޓްވުމަށް މަޑުކުރި... ހޮސްޕިޓަލްތަކުގެ ނަމުގައި ބޮޑެތި އިމާރާތްތައް އެޅުމުގެ ބޭނުމަކީ ކޮބައިތޯ، ހުރިހާ ތަނެއްގައި ހަމަނުޖެހުމާއި، ކޮރަޕްޝަނާއި، ނުރަނގަޅު އަޚްލާޤާއި، ވަސީލަތްތައް މަދުވުމާއި، އިޚްލާސްތެރިކަން ނެތުން؟" ބިހާރް ސްޓޭޓްގެ މައި އިދިކޮޅު ޕާޓީ ރަޝްޓްރިޔާ ޖަނަތާ ދަލް އިން އެކްސްގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS