ދުނިޔެ
ޕާކިސްތާނަށް ބިންހެލުމެއް، ވަގުތުގެ ބޭނުންހިފައި ގައިދީންތަކެއް ފިލައިފި

ޕާކިސްތާނުގެ ޖަލެއް
ޕާކިސްތާނަށް ބިންހެލުމެއްގެ އިހުސާސް ކުރެވުމުން ވަގުތުގެ ބޭނުން ހިފައި ގައިދީންތަކެއް ފިލައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގައި އިހްސާސްކުރެވުނު ބިންހެލުމުގެ ސަބަބުން ގައިދީން ސަލާމަތީ ގޮތުން ގޮޅިތަކުން ނެރުމުން 216 ގައިދީން ޖަލުން ފިލައިފިއެވެ.
ކަރާޗީގައި ހުންނަ މަލިރު ޖަލުން ރޭގަނޑުގެ ވަގުތެއްގައި ފިލި 216 ގައިދީންގެ ތެރެއިން މިހާތަނަށް 78 ގައިދީން ހައްޔަރުކުރެވިފައިވާ ކަމަށް ސީނިއަރ ޕޮލިސް އޮފިޝަލް ކަޝިފް އައްބާސީ އޭޕީ ނިއުސް އޭޖެންސީއަށް މަޢުލޫމާތު ދީފައިވެއެވެ. ފިލި ގައިދީންގެ ތެރޭގައި ހަނގުރާމަވެރިން ނުހިމެނޭކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ފިލި ގައިދީން ހޯދުމުގެ މަސައްކަތުގައި އެއް ގައިދީއަކު މަރުވެ، ތިން ސެކިއުރިޓީ އޮފިޝަލުން ޒަޚަމްވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ސިންދު ޕްރޮވިންސްގެ ހޯމް މިނިސްޓަރު ޒިޔާ-އުލް-ހަސަން ލަންޖަރު ވިދާޅުވި ގޮތުގައި ބިންހެލުމުގެ ސަބަބުން ގައިދީން ސަލާމަތީ ގޮތުން ގޮޅިތަކުން ނެރުމަށްފަހު، ގައިދީންގެ ބަޔަކު ގާޑުންނަށް ހަމަލާދީ، އެމީހުންގެ ހަތިޔާރުތައް އަތުލުމަށްފަހު ވަނީ ހަމަލާދީފައެވެ.
ޕާކިސްތާނުގެ ޖަލުތަކުން ގައިދީން ފިލުމަކީ އާންމު ކަމެއް ނޫނެވެ. ޑެރާ އިސްމާއިލް ޚާން ގައި ޕާކިސްތާން ޓަލިބާން އިން ޖަލަކަށް ހަމަލާދީ، ސަތޭކަ އެތައް ގައިދީން ފިލުމަށްފަހު، ޖަލުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.
ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި މިއީ ޕާކިސްތާނުގެ ތާރީޚުގައި އެންމެ ގިނަ ގައިދީން އެއްފަހަރާ ފިލި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާކަމަށް ލަންޖަރު ވަނީ ލޯކަލް ޓީވީ ޗެނަލްތަކަށް ވިދާޅުވެފައެވެ.