ދުނިޔެ

އިންޑިއާގެ އުތުރުގައި ފެންބޮޑުވެ ބިންހެލުމުގެ ސަބަބުން 30 މަރު

އިންޑިއާގެ އުތުރުގައި ފެންބޮޑުވެ ބިންހެލުމުގެ ސަބަބުން 30 މަރު

އައްސާމްގައި ފެންބޮޑުވެފައިއޮތް ސަރަހައްދެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖޫން 2025، 06:44

02 ޖޫން 2025، 06:44

އިންޑިއާގެ އިރުމަތީ ސަރަހައްދުގައި މޫސުމީ ވިއްސާރައިގެ ސަބަބުން މިދިޔަ ހަފްތާ ބަންދުގައި ކުރިމަތިވި ފެންބޮޑުވުމާއި ބިންހެލުމުގެ ހާދިސާތަކުގައި މަދުވެގެން 30 މީހުން މަރުވެއްޖެ ކަމަށް އިންޑިއާގެ ރަސްމީ ފަރާތްތަކުންނާއި މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އެގޮތުން އައްސާމް ސްޓޭޓުގައި އަށް މީހުން މަރުވެފައިވާއިރު، އަވައްޓެރި އަރުނާޗަލް ޕްރަދޭޝްގައި ނުވަ މީހުން މަރުވެފައިވާ ކަމަށް އޮތޯރިޓީތަކުން އާދީއްތަ ދުވަހު ބުނެފައިވެއެވެ. މި މީހުން މަރުވެފައިވަނީ ގަދަ ވިއްސާރައިގެ ސަބަބުން ވެއްޓުނު ފަސްގަނޑުތަކުގެ ދަށުގައި ވެގެންނެވެ. އައްސާމްގެ ގުވަހަޓީގައި އެއް ޢާއިލާއެއްގެ ތިން މެންބަރުން ފަސްގަނޑު ވެއްޓިގެން މަރުވިއެވެ.

މިޒޯރާމް ސްޓޭޓުގައި ފަސް މީހުން މަރުވެފައިވާއިރު، މެޣާލަޔާ ސްޓޭޓުގައި ހަ މީހުން މަރުވެފައިވެއެވެ. ނާގަލޭންޑް އަދި ޓްރިޕުރާ ސްޓޭޓުތަކުގައިވެސް ދެ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދީފައިވެއެވެ. މެޣާލަޔާގެ ޗީފް މިނިސްޓަރ ކޮންރަޑް ކޭ ސަންގްމާ ވަނީ އިމަޖެންސީ ޓީމުތަކަށް، ޚާއްޞަކޮށް ބިންހެލުމުގެ ނުރައްކާ އޮތް ސަރަހައްދުތަކާއި ތިރީ ސަރަހައްދުތަކުގައި ސަމާލުވެ ތިބުމަށް އިރުޝާދު ދީފައެވެ.

އިންޑިއަން އާމީން ވަނީ މަނިޕުރު ސްޓޭޓުގައި ބޮޑު ސްކޭލެއްގައި ސަލާމަތްކުރުމުގެ މަސައްކަތް ފަށައި، ސަތޭކަ އަކަށްވުރެ ގިނަ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ. އަދި މި މީހުންނަށް ކާނާއާއި، ބޯފެނާއި، އަސާސީ ބޭސްފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ކަމަށް އާމީން ބުނެފައިވެއެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ އިރުމަތީ ސަރަހައްދުގެ ގިނަ ޑިސްޓްރިކްޓްތަކަށް ރެޑް އެލާޓް ނެރެ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގަދަ ވިއްސާރަ ވެހޭނެ ކަމަށް ލަފާކޮށްފައެވެ. ހިމާލަޔާ ފަރުބަދަ ސަރަހައްދުން ފެށިގެން އިންޑިއާ ހުރަސްކޮށް ބަންގްލަދޭޝްއަށް ދާ ބްރަހްމަޕުތްރާ ކޯރު ހިމެނޭ ގޮތަށް މި ސަރަހައްދުގެ ގިނަ ކޯރުތައް ވަނީ އޮތް މިންވަރަށްވުރެ އިތުރަށް ފެން އުފުލި، ގިނަ ސަރަހައްދުތަކެއް ފެނުގެ ދަށަށް ގޮސްފައެވެ.

ސައިންޓިސްޓުން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެކުނު އޭޝިއާގެ މޫސުމީ ވިއްސާރައިގެ ނިޒާމަށް ބަދަލުތަކެއް އަންނަމުންދެއެވެ. ނަމަވެސް މި ބަދަލުތަކުގެ ސީދާ އަސަރު އަދިވެސް ސާފުކޮށް ދެނެގަނެވިފައެއް ނުވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS