Ads by Stelco

ޚަބަރު

އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރަނީ ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް

އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރަނީ ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް

އޮސްޓްރޭލިއާގައި ބޭނުންކުރާ ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖޫން 2025، 05:45

02 ޖޫން 2025، 05:45

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރުމަށް ނިންމައިފިއެވެ. މި ކަން އިޢުލާނުކުރެއްވީ ރާއްޖެއަށް ވަޑައިގެންނެވި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނާއިބު އަދި ދިފާޢީ ވަޒީރު، އޮނަރަބަލް ރިޗާޑް މާލްސް، މިއަދު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ކަމާ ގުޅޭގޮތުން މިއަދު ބަންޑާރަކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއޯޔޫއެއްގައި ސޮއިކުރެވުނެވެ. އޮސްޓްރޭލިއާގެ ފަރާތުން ސޮއިކުރެއްވީ އޮނަރަބަލް ރިޗާޑް މާލްސްއެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނެވެ.

މި އުޅަނދާއެކު، އޮސްޓްރޭލިއާއިން ރާއްޖެއަށް 'މަލްޓި ބީމް އިކޯ ސައުންޑާ' އެއްވެސް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ. މިއީ ހައިޑްރޯގްރަފީ ދިރާސާކުރުމަށް ބޭނުންކުރާ އާލާތެކެވެ. މި އާލާތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ފަށަލަ މެޕްކުރުމުގެ ޤާބިލުކަން އިތުރުވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ދިފާޢީ ވުޒާރާއިން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވެއެވެ.

ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މިހާރު ބަންނަމުންދާ ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދު 2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ދިވެހި ސިފައިންގެ ޚިދުމަތަށް ނެރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި އެހީތެރިކަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ އަދި ދެމެހެއްޓެނިވި ގުޅުމުގެ ހެއްކެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނާއިބު އަދި ދިފާޢީ ވަޒީރު، އޮނަރަބަލް ރިޗާޑް މާލްސް ވިދާޅުވީ، އޮސްޓްރޭލިއާއިން ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޤާބިލުކަން އިތުރުކުރުމަށް ރާއްޖެއާ ގުޅިގެން ބައިވެރިވުމަކީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެ ޤައުމުގެ ނޭޝަނަލް ޑިފެންސް ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އޮސްޓްރޭލިއާއިން ދަނީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި، އިރުއުތުރު އިންޑިއާ ކަނޑުގެ އެކި ކަންކޮޅުތަކުގައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުން ކަމަށް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނާއިބު އަދި ދިފާޢީ ވަޒީރު ބަންޑާރަކޮށްޓަށް ވަޑައިގަތުމުން އެ މަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. އެ މަނިކުފާނަށް އިސްތިޤުބާލު ކުރެއްވީ ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، ޖެނެރަލް އޮފިސަރުންނެވެ.

މި ޒިޔާރަތުގައި، ދިފާޢީ ދާއިރާއާއި، ސަލާމަތާއި، ސަރަޙައްދީ ހަމަޖެހުމުގެ ރޮނގުން، ދެ ޤައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާ ބައްދަލުވުމެއް ބޭއްވުނެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނާއިބު އަދި ދިފާޢީ ވަޒީރު ޖޫން 1 އިން 2 އަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި، ދިވެހިރާއްޖޭގެ ނާއިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ. އަދި މާލޭ ހުކުރު މިސްކިތަށާއި، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާއަށް ޒިޔާރަތްކުރެއްވިއެވެ. މީގެ އިތުރުން، ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށާއި، ހުޅުމާލޭގައި ކޯސްޓްގާޑުގެ އުޅަނދުތައް އެލޯންގްސައިޑްކޮށްފައިވާ ސަރަޙައްދަށްވެސް ޒިޔާރަތްކުރެއްވިއެވެ.

މި އެހީތެރިކަމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯސްޓްގާޑުގެ ބާރު ދެގުނައަށް އިތުރުކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ޤާބިލުކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދިފާޢީ ވަޒީރު ފާހަގަކުރެއްވިއެވެ.

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS