ޚަބަރު
ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވި 3 ބޭފުޅުން ފޮޓޯ:އިންޓަނެޓް
ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. މި މަޤާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ޙަވާލުވެ ހުންނެވި އިސްމާއީލް ނަވީން އާއި، ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝަމީމެވެ.
ޕޮލިސް ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ މި މަޤާމުގައި ހުންނެވި ޢަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޢަލީ ޝުޖާޢު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު އެ ޒިންމާއާ ވަގުތީ ގޮތުން ޙަވާލުވެވަޑައިގެން ހުންނެވީ އިސްމާއީލް ނަވީންއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ ހަފްތާގައެވެ. މި މަޤާމަށް ކުރިމަތިލެވެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ. މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވެފައިވަނީ މިއަދުއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރެއްވުމުގެ ކުރިން، މި މަޤާމަށް ކުރިމަތިލައްވާފައިވާ ތިން ބޭފުޅުންގެ ފެންވަރު ވަޒަންކުރެވޭނެއެވެ. ފެންވަރު ވަޒަންކުރުމާއެކު އިންޓަވިއު ޕްރޮސެސް ކުރިއަށް ގެންދާނީ ޕޮލިސް ބޯޑުންނެވެ. އޭގެފަހުން މިނިސްޓަރުގެ ލަފާފުޅާއެކު ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި މަޤާމަށް އައްޔަނުކުރެވޭ ބޭފުޅަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި މަސައްކަތް ކުރައްވާނެއެވެ. އަދި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރައްވާނެއެވެ.