Ads by Stelco

ޚަބަރު

ޢީދު ފާހަގަ ކުރުމުގައި އިސްލާމީ ތަރަހައިގެތެރޭގައި، ދީން ހުއްދަ ކުރައްވާފައިވާގޮތަށް އަމަލުތައް ބަހައްޓަން އިލްތިމާސްކޮށްފި

ޢީދު ފާހަގަ ކުރުމުގައި އިސްލާމީ ތަރަހައިގެތެރޭގައި، ދީން ހުއްދަ ކުރައްވާފައިވާގޮތަށް އަމަލުތައް ބަހައްޓަން އިލްތިމާސްކޮށްފި

ކްރޮސް ރޯޑް ގައި ބޭއްވުނު ޢީދު ހަރަކާތްތަކުގެ ތެރެއިން ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖޫން 2025، 02:52

02 ޖޫން 2025، 02:52

ކުރިއަށް އޮތް އަޟުޙާ ޢީދު ފާހަގަކުރުމުގައި އިސްލާމީ އުޞޫލުތަކަށް ތަބާވެ، ދީނުގައި ހުއްދަކުރައްވާފައިވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި ވުޒާރާއިން ބުނެފައިވަނީ އަޟުޙާ ޢީދަކީ ދިވެހި ޤައުމަށާއި މުޅި އިސްލާމީ އުންމަތަށް އަންނަ ވަރަށް މަތިވެރި، އެހައިމެ އުފާވެރި މުނާސަބަތެއް ކަމަށެވެ. އަދި ދިވެހިންނަކީ ޒަމާނުއްސުރެ، ވަރަށް ކުލަގަދަ ގޮތެއްގައި އަޟުޙާ ޢީދު ފާހަގަކުރަމުންދާ ބައެއްކަމަށް ފާހަގަކޮށްފައިވެއެވެ.

"މިއަހަރުގެ އަޟުޙާ ޢީދު ފާހަގަ ކުރުމުގައި ވެސް އިސްލާމީ ތަރަހައިގެތެރޭގައި، އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާގޮތުގެމަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން ޢަމަލު ކުރެއްވުމަށް އިލްތިމާސް ކުރަމެވެ،" ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ހަމަތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމަށާއި ދިވެހި ކުދިބޮޑު އެންމެން ޢީދުގެ އުފަލުގައި ބައިވެރިވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި އިސްލާމީ އުޞޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ރަށްރަށެއްގައި ވެސް ޢީދުގެ ކުޅިވަރުތަކާއި ޙަރަކާތްތައް ރާވައި ހިންގުމަށް ސަރުކާރުން ތަރުޙީބުދޭކަމަށްވެސް ބުނެފައިވެއެވެ.

ޢީދު ފާހަގަކުރުމުގެ ސަބަބުން ދިވެހިންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަން އިތުރުވެ، އިޖުތިމާޢީ ގުޅުން ބަދަހިވާކަމަށާއި، ދިވެހިންގެ ސަޤާފަތާއި އާދަކާދަ ތަމްސީލުކޮށްދޭކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ޢީދު ފާހަގަ ކުރުމުގެ ކަންކަން ރާއްޖޭގެ ސިޓީތަކާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށްގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެތެރޭގައިކަން ކަށަވަރު ކުރެއްވުމަށް ދައުލަތުގެ ގުޅުންހުރި ހުރިހާ މުއައްސަސާތަކަށް ވުޒާރާއިން ގޮވާލާފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS