ދުނިޔެ
އިޒްރާއިލުން ހިފާފައިވާ ހުޅަނގުއައްސޭރިއަށް ޢަރަބި ޚާރިޖީ ވަޒީރުން ވަނުން ހުއްޓުވުން ސަޢޫދީއިން ކުށްވެެރިކޮށްފި

ޢަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން
އިޒްރާއިލުން ހިފައިފައިވާ ފަލަސްޠީނުގެ ހުޅަނގުއައްސޭރިއަށް ޢަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ކުރަން ރޭވި ދަތުރު އިޒްރާއީލުން ހުއްޓުވާލުމާ ގުޅިގެން، އެއީ "ހައްދުފަހަނައަޅާފައިވާ އަދި ސުލްހައަށް އިންކާރުކުރާ" ޢަމަލެއް ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.
ޖޯޑަންގެ ވެރިރަށް ޢައްމާނުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައޫދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައޫދު ވިދާޅުވީ، "ހުޅަނގުއައްސޭރިއަށް ކޮމިޓީގެ ދަތުރު އިޒްރާއީލުން ހުއްޓުވާލުމަކީ އެ ޤައުމުގެ ހައްދުފަހަނައެޅުމާއި ސުލްހަވެރި ހައްލަކަށް އަންނަ ކޮންމެ މަސައްކަތަކަށް އިންކާރުކުރާކަން ހާމަކޮށްދޭ ކަމެކެވެ. މި ކަމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރޭގައި މި ބޮޑާކަމާ ކުރިމަތިލުމަށް އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރުކުރުމުގެ އަޒުމް ވަރުގަދަކުރާ ކަމެއް” ކަމަށެވެ.
ފަލަސްޠީނު ރައީސް މަޙްމޫދު އައްބާސްއާ ބައްދަލުކުރުމަށް ރާމަﷲއަށް ދިއުމަށް ރޭވި ޢަރަބި ވަފުދުގެ ދަތުރު އިޒްރާއީލުން ހުއްޓުވާލުމާ ގުޅިގެން މި ވާހަކަތައް ދައްކާފައިވަނީއެވެ. މިޞްރު، ޖޯޑަން، ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ އަދި ޔޫއޭއީގެ ވަޒީރުން މި ދަތުރު ރާވާފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ފަލަސްޠީނުގެ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.
ވެސްޓް ބޭންކުގެ އެއަރ ސްޕޭސް އަދި ބޯޑަރުތައް ކޮންޓްރޯލްކުރަނީ އިޒްރާއީލުންނެވެ. އަދި ހުކުރު ދުވަހު އިޒްރާއީލުން ވަނީ މި ދަތުރަށް ހުއްދަ ނުދޭނެ ކަމަށް އިޢުލާނުކޮށްފައެވެ. އިޒްރާއީލުގެ އޮފިޝަލަކު ބުނެފައިވަނީ، "އޮކްޓޯބަރު 7 ގެ މާރާމާރީ ކުށްވެރިކުރަން މިއަދާ ހަމައަށްވެސް އިންކާރުކުރާ ފަލަސްޠީނު އޮތޯރިޓީން ރާމަﷲގައި ޢަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއިއެކު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމާ ބެހޭ ގޮތުން ޕްރޮވޮކެޓިވް ބައްދަލުވުމެއް ބާއްވަން ގަސްދުކުރަނީ" ކަމަށާއި އިޒްރާއީލުން މި ދަތުރަށް "އެއްބާރުލުން ނުދޭނެ" ކަމަށެވެ.
ޖޫން 17 އިން 20 އަށް ނިއުޔޯކުގައި ފްރާންސް އަދި ސަޢޫދީ އަރަބިއްޔާގެ އިސްނެގުމުގެ ދަށުން ފަލަސްޠީންގެ ދައުލަތެއް ޤާއިމުކުރުމާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޞްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުއްލަޠީފް ވިދާޅުވި ގޮތުގައި މި ކޮންފަރެންސްގައި ޣައްޒާގައި ހަނގުރާމަ ހުއްޓުމަށްފަހު ސަލާމަތީ އިންތިޒާމުތަކާއި، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުގައި ދެމިތިބުމަށް މަގުފަހިކޮށްދިނުމަށާއި އިސްރާއީލުން އެމީހުން ނެރުމުގެ ރޭވުންތައް ނާކާމިޔާބުކުރުމަށް ބޭނުންވާ އާރާސްތުކުރުމުގެ ޕްލޭންތައް މަޝްވަރާކުރެވޭނެއެވެ.