ޚަބަރު
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ އެޖެންޑާގައި

ރައްޔިތުންގެ މަޖިލީސް ކުރާ ގެ ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ވަނީ ނިންމާފައެވެ. މާދަމާ ބޭއްވޭ ފުރަތަމަ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފޮނުވާފައިވާ ނަންތަކުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގައި ޖުމްލަ 5 ކަމެއް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލްކޮށްފައެވެ. މީގެ ތެރޭގައި ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންތައް ދިރާސާކުރުމަށް ދާއިމީ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން، ނޭޕާލް، ޔޫކްރެއިން އަދި އަޔަލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުންގެ ނަންތަކުގެ މައްސަލަވެސް ބަހުސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާގެ ޖަލްސާގައި އަދި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޟީލް ހުށަހަޅުއްވާފައިވާ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ބިލުގެ އިބްތިދާޢީ ބަހުސްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މަޖިލީހުގެ ފުރަތަމަ ދައުރު ނިމުނީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދައުރު ނިންމާލި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ، މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހެޅުނު މައްސަލަތަކުގެ 77 އިންސައްތަ ނިންމާފައިވާ ކަމަށެވެ. އަދި މި ދައުރުގައި 9 ބިލު ފާސްކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
20 ވަނަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މިއަހަރުގެ ދެވަނަ ދައުރު ފެށޭނީ ޖޫން މަހުގައެވެ. އަދި މި ދައުރު ނިމޭނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގައި ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.