Ads by Stelco

ޚަބަރު

ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް އައު ކުންފުންޏެއް އުފައްދައިފި

ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް އައު ކުންފުންޏެއް އުފައްދައިފި

ރާއްޖޭގ ެމަގެއް ހަދަނީ ފޮޓޯ:ފައިނެންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2025، 07:15

31 މޭ 2025، 07:15

ރާއްޖޭގެ މަދުން އާބާދުވެފައިވާ ސަރަހައްދުތަކުގެ އުމްރާނީ ތަރައްޤީ ހާސިލުކުރުމަށްޓަކައި 'އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް' ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ. މި ކުންފުނި އުފެއްދެވީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ގެޒެޓުގައި ޝާއިޢުކުރެއްވި ޤަރާރަކުންކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އާބަން އަދި ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމެވެ. މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި އެންމެހައި ކަންކަން ތަންފީޛުކުރުމަށްވެސް މި ކުންފުނިން މަސައްކަތްކުރާނެއެވެ.

މި އަލަށް އުފެއްދި ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 100 މިލިއަން ރުފިޔާއެވެ. މިއީ 10 ރުފިޔާގެ 10 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އަދަދެކެވެ. އަދި މިއީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ޤާނޫނީ ގޮތުން އަމިއްލަ ކުންފުންޏެކެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިންތިޚާބީ މެނިފެސްޓޯގައި ހިމެނިފައިވާ ގޮތުން، ރާއްޖޭގައި މެދުމިނުގެ ހަތް އާބަން ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ. މީގެ ތެރެއިން ތިން ސެންޓަރު މާލޭގެ އުތުރުގައި އަދި ހަތަރު ސެންޓަރު ދެކުނުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރުކާރުގެ އަމާޒަކީ މިފަދަ އާބަން ރީޖަންތަކާއި ސެންޓަރުތަކެއް ޤާއިމްކޮށް، ނުވަ އަހަރުގެ ތެރޭގައި އެއް ލައްކަ މީހުން އާބާދުކުރުމެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS