ޚަބަރު
އަމިއްލަ ގެދޮރު ނެތް 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގެދޮރު ކަށަވަރުކޮށްދޭ ލިޔުން ދެނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އުމުރުން 18 އަހަރުވެ، އަމިއްލަ ގެދޮރެއް ނެތް ކޮންމެ މީހަކަށް، "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ގެދޮރު ކަށަވަރުކޮށްދީ އެކަމުގެ ލިޔުން މިއަހަރު ނިމުމުގެ ކުރިން ދޭނެކަމަށް ވިދާޅުވެފައެވެ. މި ވާހަކަ ރައީސް ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާއި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ އެއް މަސައްކަތަކީ، އަމިއްލަ ގެދޮރެއް ނެތް 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގެދޮރު ކަށަވަރުކޮށްދިނުން ކަމަށެވެ.
"މާލޭގައިވެސް، އެއްވެސް ރަށެއްގައިވެސް "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ގެދޮރުނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން. އެމީހުންނަށް އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް ލިބޭނެކަން ކަށަވަރުކޮށްދޭނަން. ރަސްމީގޮތުން އެކަން ކަށަވަރުކޮށް، މިއަހަރު ނިމުމުގެ ކުރިން ލިޔުން ދޭނަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ވަޢުދު ފުއްދުމަށްޓަކައި، މާލެ ސަރަޙައްދުގައި ހިއްކާ ބިންތަކުން، އެމީހަކު ޚިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ގުޅިފަޅު، ގިރާވަރުފަޅު، އުތުރު ތިލަފަޅު އަދި ރަސްމާލެ އަންނަނީ ތަރައްޤީކުރަމުންނެވެ. އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށްވެސް އެ ބީދައިން ގެދޮރުވެރިކަން ހަމަޖައްސަވާނެކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސިނަމާލެ ހުރި ސަރަޙައްދުގައި 2000 ފްލެޓް، ވިލިމާލޭގައި 500 ފްލެޓް އަދި ހުޅުމާލޭގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެދަށުން ތަރައްޤީކުރާ 4000 ޔުނިޓް ހިމެނޭކަމަށް ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ.
މި ވަޢުދަކީ ވަރަށް މުހިންމު ވަޢުދެއްކަމަށާއި، އަމިއްލަ ގެދޮރެއް ނެތް ރައްޔިތަކު ނެތްކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.