Ads by Stelco

ޚަބަރު

މާލޭގައި އިމާރާތްކުރަން ދަތިވެފައިވާ ކުދި ބިންތައް ދޫކޮށްލައި ހިލޭ ގޯތި ހޯދުމުގެ ފުރުސަތު މިއަހަރު ހުޅުވާލަނީ

މާލޭގައި އިމާރާތްކުރަން ދަތިވެފައިވާ ކުދި ބިންތައް ދޫކޮށްލައި ހިލޭ ގޯތި ހޯދުމުގެ ފުރުސަތު މިއަހަރު ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2025، 06:39

31 މޭ 2025، 06:39

މާލޭގައި އިމާރާތްކުރަން ދަތިވެފައިވާ ކުދި ބިންތައް ސަރުކާރަށް ދޫކޮށްލުމަށްފަހު، މާލެ ސަރަޙައްދުން ހިލޭ ގޯތި ހޯދުމުގެ ފުރުސަތު މިއަހަރު ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މާލޭގައި ހަނި ގޯޅިތަކާއި ކުދި ކަންމަތިތަކުގައި ހުރި ގޯތިތަކަކީ ކޮންސްޓްރަކްޝަން މަސައްކަތަށް އުނދަގޫވާ ތަންތަނެވެ. މި ފަދަ ބައެއް ބިންތަކަކީ ލޯނު ހޯދައިގެން ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންވެސް އިމާރާތްކުރެވޭނެ ގޮތެއް ނެތް ތަންތަން ކަމަށާއި، މިކަމުގެ ސަބަބުން އެފަދަ ގެތަކުގެ ވެރިންނަށް ދިރިއުޅެވޭނެ ގޮތެއް ހޯދިފައި ނުވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އެފަދަ ބިންތައް ލާޖައްސާ އުސޫލުން ސަރުކާރަށް ދޫކޮށްލުމަށްފަހު، މާލެ ސަރަޙައްދުގައި ހިއްކާ ބިންތަކުން ގޯތި ހޯދުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި އުސޫލުން ދޫކޮށްލާ ބިންތަކަށް، އެ ގޯއްޗާ އެއް ސައިޒުގެ ގޯތި ދޭނެ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

"މިއަހަރު ތެރޭގައި މި މަސައްކަތް ކުރިއަށް ގެންދާނަން. އެމީހުންނަށް ގޯތި ލިބޭ ތަނަކާ ގުޅޭ ލިޔުން އަހަރު ނިމުމުގެ ކުރިން ހަވާލުކުރާނަން," ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު ނުވަތަ ރަސްމާލެއިންވެސް ބިން ޚިޔާރުކުރުމުގެ ފުރުސަތު ދޭނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ. އަދި މާލެއިން ދޫކޮށްލާ ބިންތައް ތަރައްޤީކުރާނީ އާންމުންނަށް ހިތްހަމަޖެހޭ ގޮތަށް، ހުސް ޖާގަތަކެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ރައީސް މުޢިއްޒު އިންތިޚާބުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެއް ކަމަށްވެސް ފާހަގަކުރެވެއެވެ. 

                    

މި ލިޔުން ކިޔާލުމުން

Ads by MSS