ކުޅިވަރު
ކްލަބް ވޯލްޑް ކަޕްގެ ކުރިން އާނޯލްޑު ރެއާލްއަށް ބަދަލުވެއްޖެ

އާނޯލްޑު އަކީ ޕްރިމިއަރ ލީގުގައި އެންމެ ގިނަ އެސިސްޓު ހަދާފައިވާ ޑިފެންޑަރު ---
ޖޫން މަހު ކުޅުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕްގެ ކުރިން، ލިވަޕޫލްއަށް ކުޅެމުން ދިޔަ ޓްރެންޓް އެލެކްސެންޑަރ އާނޯލްޑް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ.
މި ސީޒަނަށްފަހު ލިވަޕޫލްއާއެކު ހަދާފައިވާ ކޮންޓްރެކްޓު ހަމަވާތީ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން އާނޯލްޑް ވަނީ ކުރިން އިޢުލާންކޮށްފައެވެ.
ނަމަވެސް ލިވަޕޫލަށް ސަޕޯޓުކުރާ ގިނަ ބައެއްގެ ޝަކުވާއަކަށްވީ، ކޮންޓްރެކްޓު ހަމަވުމުން ލިވަޕޫލަށް އެއްވެސް ފައިދާއެއް ނުވާގޮތަށް އޭނާ ރެއާލްއަށް ބަދަލުވާން އުޅުމުންނެވެ.
މި ބަދަލާ ގުޅިގެން ލިވަޕޫލަށް ކުޑަ ވެސް ފައިދާއެއް ލިބެން އޮތީ، ރެއާލްއިން ބޭނުންވި ގޮތަށް، ޖޫން 14ގައި ފަށާ ކްލަބު ވޯލްޑް ކަޕްގެ ކުރިން އޭނާ ދޫކުރުމުންނެވެ. އެހެންކަމުން ލިވަޕޫލުން ނިންމާފައިވަނީ، ރެއާލްއިން ބޭނުންވި ގޮތަށް، އެ ކްލަބަށް އާނޯލްޑް ބަދަލުވުމުގެ ކަންތައްތައް އަވަސްކޮށްދިނުމަށެވެ. ރިޕޯޓުތައް ބުނާގޮތުން، ރެއާލްއިން ވަނީ ލިވަޕޫލަށް 10 މިލިއަން ޕައުންޑު ހުށަހަޅާފައެވެ.
އާނޯލްޑަކީ ރެއާލްގެ ކޯޗަކަށް އަލަށް ހަވާލުވި ޒަބީ އަލޮންސޯ އެ ޓީމަށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާއެވެ. އަލޮންސޯގެ ކުރިން ރެއާލްއިން ވަނީ ބޯނެމައުތުގެ ޑީން ހުއިޒެންގެ ސޮއި ހޯދާފައެވެ.
ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ރެއާލްއާ ގުޅުނު އާނޯލްޑުގެ ބަދަލުގައި ލިވަޕޫލުން ގެންދިޔައީ، ރެއާލްއާ އަލަށް ހަވާލުވި އަލޮންސޯއާއެކު މިދިޔަ ސީޒަނުގައި ޖަރުމަނު ލީގު ކާމިޔާބުކުރި ބެޔާ ލެވަކޫސެންގެ ޖެރެމީ ފްރިންޕޮންގްއެވެ.
ރެއާލްއަށް ބަދަލުވުމުގެ ކުރިން އާނޯލްޑް ވަނީ ލިވަޕޫލަށް 354 މެޗު ކުޅެދީފައެވެ. އަދި މުޅި ޕްރިމިއަރ ލީގުގެ ތާރީޙުގައި ވެސް އެންމެ ގިނަ އެސިސްޓު ހަދާފައިވާ ޑިފެންޑަރަކީ އޭނާއެވެ. އޭނާވަނީ ލީގުގައި 64 އެސިސްޓުކޮށްދީފައެވެ.