ދުނިޔެ
އެމެރިކާގެ ޞުލްޙައިގެ ހުށަހެޅުމަކީ ޣައްޒާގައި މަރުގެ ޢަދަދު އިތުރުވާނެ އެއްބަސްވުމެއްކަމަށް ހަމާސްއިން ބުނެފި

ޣައްޒާގެ ރައްޔިތުންތަކެއް އެއްވެފައި.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޮފީހުން އިޒްރާއީލާއެކު ހުށަހަޅާފައިވާ ޞުލްޙައިގެ ހުށަހެޅުމަކީ ޣައްޒާގައި މަރުގެ ޢަދަދު އިތުރުވާނެ އެއްބަސްވުމެއްކަމަށް ހަމާސްއިން ބުނެފިއެވެ.
ހަމާސްއިން ބުނެފައިވަނީ ހަމާސްއިން މިހާރުވެސް އެހުށައެޅުން ދިރާސާކުރަމުން ގެންދާ ކަމަށާއި، ނަމަވެސް މިހާރު އެ ހުށަހެޅުން އޮތް ގޮތުން ޣައްޒާގައި މަރުތަކާއި ބަނޑުހައިހޫނުކަން އިތުރުވެގެން ދިއުން ނޫން އެހެން ނަތީޖާއެއް ނުނިކުންނާނެ ކަމަށް ހަމާސްގެ އިސް އޮފިޝަލެއް ވަނީ ބުނެފައެވެ.
ވައިޓް ހައުސްގެ ނޫސްވެރިންގެ ސެކްރެޓަރީ ކެރޮލައިން ލެވިޓް ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި އިޒްރާއީލުން ވަނީ މި ޞުލްހައިގެ ހުށައެޅުން ހުށަހެޅުމަށް އެއްބަސްވެ ސޮއިކޮށްފައެވެ.
އަދި ޓްރަމްޕްގެ އޮފީހުގެ މެދުއިރުމަތީގެ ސަފީރު، ސްޓީވް ވިޓްކޮފް ވަނީ އެ ހުށަހެޅުން ހަމާސްއަށް ހުށަހަޅާފައެވެ. ނަމަވެސް ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު ބާސެމް ނައީމް ރޮއިޓަރސްއަށް ވިދާޅުވެފައިވަނީ މި ހުށަހެޅުމުގައި ޣައްޒާގެ ރައްޔިތުންގެ އެއްވެސް ޑިމާންޑެއް، ޚާއްޞަކޮށް ހަނގުރާމަ ހުއްޓާލުމުގެ ޑިމާންޑް ހިމެނިފައިނުވާ ކަމަށެވެ.
އާ ހުށަހެޅުމުގެ ތަފްސީލުތައް އާންމުކޮށްފައި ނުވިނަމަވެސް، ހަމާސްގެ އިސް އޮފިޝަލް ސާމީ އަބޫ ޒުހްރީ ރޮއިޓަރސްއަށް ވިދާޅުވި ގޮތުގައި، މި ހުށަހެޅުމުގައި ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ނިންމާލުމަށް ނުވަތަ އިޒްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމަށް ނުވަތަ އެހީ ފޯރުކޮށްދިނުމަށް އިޒްރާއީލުން އެއްވެސް އެއްބަސްވުމެއް ވެފައިނުވާކަމަށެވެ.
ރޮއިޓަރސްއިން ބުނާ ގޮތުގައި މި ހުށަހެޅުމުގެ ޑްރާފްޓްގައި 60 ދުވަހުގެ ހުދަނައެއް ހިމެނެއެވެ. އަދި ފުރަތަމަ ހަފްތާގައި އިޒްރާއިލްގެ 28 ރަހީނުން (ދިރިހުރި އަދި މަރުވެފައިވާ) ދޫކޮށްލުމާ ބަދަލުގައި 1،236 ފަލަސްތީނު ބަންދު މީހުންނާއި 180 ޝަހީދުވެފައިވާ ފަލަސްތީނުންގެ ހަށިގަނޑު ދޫކޮށްލެވޭނެއެވެ.
ރައީސް ޓްރަމްޕާއި މެދުވެރިން ކަމުގައިވާ މިސްރާއި ގަތަރުން ގެރެންޓީ ދީފައިވާ މި ޕްލޭންގައިވާ ގޮތުން، ހަމާސްއިން ސޮއިކުރުމާއެކު ޣައްޒާއަށް އެހީ ފޮނުވަން ފެށޭނެއެވެ. އިޒްރާއިލްގެ ސަރުކާރުން މި އެންމެ ފަހުގެ ހުށަހެޅުމަށް ރުހޭކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އިޒްރާއީލްގެ ސިޔާސީ ދިރާސާވެރިއެއް ކަމަށްވާ އަކީވާ އެލްދަރ އަލްޖަޒީރާއަށް ބުނެފައިވާ ގޮތުގައި އިޒްރާއީލުން ފުރަތަމަ ހުށަހެޅުމަކަށް އެއްބަސްވުމަކީ "އާދަޔާ ޚިލާފު" ކަމެކެވެ.
އަދި ނެތަންޔާހޫ މިކަން މިގޮތަށް ކުރަނީ ހަމާސްއަށް މި ހުށަހެޅުން ގަބޫލު ނުކުރެވޭނެކަން އެނގި އެމީހުންނަކީ "ނުބައި ބަޔަކަށް" ހެދުމަށް ކަމަށް ވެދާނެ ކަމަށެވެ.