ދުނިޔެ

ޔޫއޭއީގައި ޒަމްޒަމްފެނުގެ ނަމުގައި އިސްކުރުފެން ވިއްކި މީހަކު ހައްޔަރުކޮށްފި

ޔޫއޭއީގައި ޒަމްޒަމްފެނުގެ ނަމުގައި އިސްކުރުފެން ވިއްކި މީހަކު ހައްޔަރުކޮށްފި

ޒަމްޒަމް ފެން ކަމުގައި ލޭބަލް ކުރެވިފައިވާ ކާޓަންތަކަކާއި ޕްލާސްޓިކް ފުޅިތަކެއް އަތުލާފައިވޭ- ފޮޓޯ: ޚަލީޖް ޓައިމްސް

farudhun logo

ފަރުދުން

29 މޭ 2025، 08:14

29 މޭ 2025، 08:14

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ތިންވަނަ އަށް އެންމެ ބޮޑު ސިޓީ ކަމުގައިގައިވާ ޝާޖާހް ސިޓީގައި ޒަމްޒަމްފެނުގެ ނަމުގައި އާންމުކޮށް ބޯން ބޭނުންކުރާ އިސްކުރުފެން ވިއްކަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. 

ޚަލީޖް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝާޖާ ސިޓީގައި ދިރިއުޅުމަށް ބޭނުންކުރާ ގެއެއް ޤަވާއިދާ ޚިލާފަށް ފުޅީގައިފެން ބަންދުކުރާ ތަނަކަށް ބަދަލުކޮށް، އާންމު ޓޭންކު ފެން ޒަމްޒަމް ފެންކަމުގައި ވިއްކަމުންދިޔަ މީހަކު ހައްޔަރުކޮށްފައިވެއެވެ. މިގެއަށް ކަމާބެހޭ އިދާރާތަކުން ވަދެފައިވަނީ ޤަވާއިދާ ޚިލާފަށް ފެންވިއްކާ ކަމުގެ ޝައްކު އުފެދުމާ ގުޅިގެންނެވެ.

ޚަލީޖް ޓައިމްސްގައި ބުނެފައިވަނީ ގެއަކުން ފެންފުޅި އަރުވަމުންދާ ވެހިކަލްތަކެއް ފާހަގަކުރެވުމާ ގުޅިގެން އެގެއަށް ވަދެފައިވާ ކަމަށާއި އެތަނުގައި ހުރި މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މީގެ އިތުރުން ޒަމްޒަމް ފެން ކަމުގައި ލޭބަލް ކުރެވިފައިވާ ކާޓަންތަކަކާއި ޕްލާސްޓިކް ފުޅިތަކެއް އަތުލާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. ހަމައެއާއެކު މި ފުޅިތަކުގައި ފެން އަޅަމުން ގޮސްފައިވަނީ ސާފުތާހިރުކަން ކުޑަ ގޮތަކަށް ކަމަށާއި، މި ފެން ވިއްކަމުން ގޮސްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޕްރޮމޯޓްކޮށްގެން އަގުބޮޑުކޮށްކަމަށްވެސް ވެއެވެެ. މި މައްސަަލަ ފެންމަތިވުމާއެކު ޝާޖާ މުނިސިޕަލްޓީއިން ވަނީ ވަގުތުން ޤާނޫނީ އަދި އިދާރީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. 

ޝާޖާއެ ކަމާބެހޭ އިދާރާތަކުން މިހާރުވަނީ ފެން ބަންދުކުރަމުންދިޔަ ގެ ބަންދުކުރުމަށްފަހު، އެ ފަރާތް ތަޙުޤީޤަށް ފޮނުވުމަށް ފުލުހުންނާ ހަވާލުކޮށްފައެވެ. ހަމައެއާއެކު، އިންސްޕެކްޝަން ޓީމުތަކުން ވަނީ ހިފެހެއްޓުނު ހުރިހާ މުދަލެއް އަތުލައި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ގެ ބަންދު ކޮށްފައެވެ.

ޝާޖާގެ މުނިސިޕަލްޓީން ވަނީ އިލްތިމާސްކުރަނީ ލައިސަންސް ނެތް ކާބޯތަކެތީގެ މަރުކަޒުތަކާ މުޢާމަލާތް ނުކުރުމަށާއި، އޭގެ މަސްދަރު ޔަޤީންނުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އުފެއްދުންތައް ނުގަތުމަށް އިލްތިމާސް ކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS