Ads by Stelco

ޚަބަރު

މާލެއާއި ތިލަފުއްޓާ ދެމެދުގައިވާ ޗެނަލްތަކުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

މާލެއާއި ތިލަފުއްޓާ ދެމެދުގައިވާ ޗެނަލްތަކުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

ތިލަމާލެ ބްރިޖް މަޝްރޫޢު ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2025، 05:17

29 މޭ 2025، 05:17

ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާތީ، މާލެއާއި ތިލަފުއްޓާ ދެމެދުގައިވާ ޗެނަލްތަކުން ދަތުރު ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ މާލެ-ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތް މާލެއާއި ތިލަފުއްޓާ ދެމެދުގައިވާ ތިން ޗެނަލްގައި ކުރިއަށްދާއިރު، ފަހަކަށް އައިސް މި ޗެނަލްތައް އާންމު ދަތުރުފަތުރަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

މިއީ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތް ކަމަކަށްވާތީ، މި މަޝްރޫޢުގެ މަސައްކަތް ނިމި، މި ސަރަހައްދު ބޭނުންކުރުމަށް ރަސްމީކޮށް ހުޅުވައިލެވެންދެން އާންމު ދަތުރުފަތުރު ކުރުމަށް މި ތިން ޗެނަލް ބޭނުންނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ތިލަމާލޭ ބްރިޖަކީ ގްރޭޓަރ މާލޭ އޭރިއާގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު މަޝްރޫޢެކެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ދެއްވާފައިވާ މަޢުލޫމާތަށް ބަލާއިރު 15 މާރޗުގެ ނިޔަލަށް ތިލަމާލޭ ބްރިޖް މަޝްރޫޢުގެ 52.44 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ޕިއަރ ކޮލަމްސް އެޅުމުގެ މަސައްކަތާއި އަދި ސުޕަރ ސްޓްރަކްޗަރގެ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތްކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށެވެ. އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މުޅި މަޝްރޫޢު ނިމޭނެކަމަށް ބެލެވެނީ 30 ސެޕްޓެމްބަރު 2026 ގައެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. އަދި ގުޅާލާ ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހިމެނޭނެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS