Ads by Stelco

ޚަބަރު

ސައޫދީގެ ކިންގް ޢަބްދުލްޢަޒީޒު ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ސައޫދީގެ ކިންގް ޢަބްދުލްޢަޒީޒު ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2025، 05:04

29 މޭ 2025، 05:04

ސައޫދީ އަރަބިއްޔާގެ މައްކާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 45 ވަނަ "ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ މި މުބާރާތުގައި ދިވެހިރާއްޖެއިން ދެ ކެޓެގަރީއެއްގައި، ކޮންމެ ކެޓެގަރީއަކުން އެއް ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައިވާ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ވަނީ ވަކި ޝަރުޠުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ބައިވެރިވާ ފަރާތަކީ ފިރިހެނަކަށްވުމާއި، ދިވެހި ރައްޔިތަކަށްވުމާއި، ހިޖްރީ ގޮތުން ޢުމުރުން 25 އަހަރު ފުރިފައި ނުވުމާއި، ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމާއި، އަދި ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ދެ ކެޓެގަރީއަކަށެވެ. އެއީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީ އާއި ވިދިވިދިގެން ޤުރްއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީއެވެ. މުޅި ޤުރްއާން ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވެވޭނީ ޤުރްއާން ހިފްޒުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި 15 ފޮތް ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވެވޭނީ ވިދިވިދިގެން ޤުރްއާންގެ 15 ފޮތް ތަރުތީބުން ހިތުން ދަސްކޮށްފައިވާ ފަރާތްތަކަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ ޖޫން މަހުގެ ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ދީފައިވާ ގޫގުލްފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހެއެވެ. މުބާރާތަށް ކޮންމެ ކެޓެގަރީއަކުން އެއް ބައިވެރިއަކު ހޮވާނީ ހުށަހަޅާ ފަރާތްތައް އިމްތިޙާނު ކުރުމަށްފަހުގައި ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.

މީގެ އިތުރުން، ފެނުމުން މަޙުރޫމުވެފައިވާ ފަރާތެއް، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް، ނުވަތަ ޢުމުރުން 17 އަހަރު ނުފުރޭ ކުއްޖަކު މުބާރާތަށް ދިޔުމަށް ހޮވިއްޖެނަމަ އެ ފަރާތަކާއެކު ބެލެނިވެރިޔަކު ގެންދިޔުމުގެ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނެފައިވެއެވެ.


        

މި ލިޔުން ކިޔާލުމުން

Ads by MSS