ޚަބަރު
ރައީސުލްޖުމްހޫރިއްޔާ "މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މެންދުރުފަހު ރައީސް އޮފީހުގެ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި ތައްޔާރުކޮށްފައިވާ "މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
"މީޑިއާ ފެންޑާ" އަކީ ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. މި ތަނުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުމެވެ.
President Dr @MMuizzu inaugurates ‘Media Fenda’; a dedicated space designed to enhance engagement between the media and Government institutions. Located in front of the President’s Office, Media Fenda will allow journalists to access timely news and official updates directly from… pic.twitter.com/bel12YAeiY
— The President's Office (@presidencymv) May 29, 2025
މީޑިއާ ފެންޑާ ބަލަހައްޓާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ތަނުގެ ސަލާމަތީ ކަންކަމާއި އިދާރީ ކަންކަން ހިނގަމުންދާނީ ރައީސް އޮފީހުގެ ކަމާބެހޭ ނިޒާމުތަކުގެ ދަށުންނެވެ. ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި 24 ގަޑިއިރުވެސް މި ތަން ހުޅުވާފައި ބޭއްވޭނެއެވެ.
މީޑިއާ ފެންޑާ ބޭނުންކުރެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާތަކަށެވެ. މިގޮތުން، މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކަށް މި ތަން ބޭނުންކުރެވޭނެއެވެ. ނަމަވެސް، މި ތަން ބޭނުންކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރާ ޚާއްޞަ ހުއްދައަކާ އެކުގައެވެ.
މީޑިއާ ފެންޑާ ހުރީ ގްރީން ޒޯނުގެ ސަރަހައްދުގައި ކަމަށްވާތީ، އެ ސަރަހައްދާ ގުޅޭ ހުރިހާ ސަލާމަތީ އުސޫލުތަކެއް މި ތަނަށްވެސް ހިނގާނެއެވެ. މިކަމާ ގުޅިގެން ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް މީޑިއާ ފެންޑާއަށާއި އެ ސަރަހައްދަށްވެސް ތަންފީޒުކުރެވޭނެއެވެ.
ސަރުކާރުން މިހާރު ދަނީ މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން ފަހިކޮށްދިނުމަށާއި، މީޑިއާތައް ބާރުވެރިކުރުމަށް އަދި ނޫސްވެރިންނަށް ތަމްރީނުގެ ފުރުޞަތު ފަހިކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.