ދުނިޔެ

ޣައްޒާގައި މިހާރު ކެންސަރު ފަރުވާ އޮތީ ނުރައްކާތެރި ހާލަތެއްގައި: ފަލަސްތީނުގެ ސިއްހީ ވުޒާރާ

ޣައްޒާގައި މިހާރު ކެންސަރު ފަރުވާ އޮތީ ނުރައްކާތެރި ހާލަތެއްގައި: ފަލަސްތީނުގެ ސިއްހީ ވުޒާރާ

ޣައްޒާގެ ކެންސަރު ޕޭޝަންޓެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 މޭ 2025، 03:15

29 މޭ 2025، 03:15

ޣައްޒާގައި މިހާރު ކެންސަރު ފަރުވާ އޮތީ “ނުރައްކާތެރި” ހާލަތެއްްގައި ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. 

 ސިއްހީ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ޣައްޒާގައި ކެންސަރު ބަލީގެ ފަރުވާ ދިނުމުގެ ހާލަތު ވަނީ "ނުރައްކާތެރި" ހިސާބަކަށް ގޮސްފައެވެ. އެ ވުޒާރާއިން ބުނި ގޮތުގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ކީމޯތެރަޕީ އާއި އެހެނިހެން ފަރުވާތައް ވަނީ މުޅިން ހުއްޓިފައެވެ.

ސިއްހީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ބޭސްތަކުގެ ތެރެއިން 64 އިންސައްތަ ބޭސް މިހާރު ވަނީ ސްޓޮކުން ހުސްވެފައި ކަމަށެވެ.

 މީގެ އިތުރުން، ޔޫރަޕިއަން ހޮސްޕިޓަލް އަދި ޣައްޒާ ކެންސަރު ސެންޓަރު އިވެކުއޭޓް ކުރުމުން މި ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޣައްޒާގައި ކެންސަރު ބަލީގެ 11،000 ބަލިމީހުން މިވަގުތު އެކަށީގެންވާ ފަރުވާއާއި ސިއްހީ އެހީތެރިކަމެއް ނެތި ތިބި ކަމަށް ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. 

އަދި މި ބަލިމީހުން ވަނީ "ނުރައްކާތެރި ސިއްހީ، އިޖްތިމާއީ، ނަފްސާނީ ހާލަތެއްގައި ޖެހިފައި" ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި ހާލަތާ ގުޅިގެން، ޞިއްޙީވުޒާރާއިން ވަނީ ބަލިމީހުންނަށް ފަލަސްޠީނުން ބޭރަށް ގޮސް ފަރުވާ ހޯދުމުގެ ފުރުސަތު ދިނުމަށާއި، ބޭނުންވާ ބޭސްތައް ޣައްޒާއަށް ވެއްދުމަށް އިޒްރާއިލަށް ފިއްތުން ބޮޑުކުރުމަށް އެދިފައެވެ.

ކެންސަރު ބަލިމީހުންގެ ހާލަތު ގޯސްވަމުންދާ ކަމުގެ ކަންބޮޑުވުން

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ކެންސަރު ބަލިމީހުންގެ ހާލަތު އިތުރަށް ގޯސްވަމުންދާކަން ފާހަގަކުރެވެއެވެ. 

ބޭސްފަރުވާއަށް ބޭނުންވާ ވަސީލަތްތަކާއި ބޭސްތައް ލިބުން ދަތިވެފައިވުމާއެކު، މި ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބި ގިނަ ދުވަސްތަކެއް ވަމުންދާކަން ޞިއްޙީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މި ހާލަތު އަވަހަށް ރަނގަޅު ނުކުރެވިއްޖެނަމަ، ކެންސަރު ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، އިތުރު ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އެބައޮތެވެ. އެހެންކަމުން، ބައިނަލްއަޤްވާމީ މުޖުތަމައުގެ ސަމާލުކަން މިކަމަށް ހޯދައި، އަވަސް ހައްލެއް ހޯދުމަކީ މިވަގުތު ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS