Ads by Stelco

ޚަބަރު

އައިޖީއެމްއެޗުގެ އައު މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގާއިއެކު ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް

އައިޖީއެމްއެޗުގެ އައު މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގާއިއެކު ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައިޖީއެމްއެޗްގެ އައުވިންގުގެ ކޮޓަރިތައް ބައްލަވާލެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2025، 05:57

27 މޭ 2025، 05:57

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގެއް ޤާއިމުކޮށްފިއެވެ. އައިޖީއެމްއެޗްގެ ލެބޯރެޓަރީގެ ކުރިމަތީގައި ޤާއިމުކޮށްފައިވާ މި އައު ވިންގަކީ ޖެނެރަލް ސާޖަރީ، ނިޔުރޯސާޖަރީ، ޕްލާސްޓިކް ސާޖަރީ، ޔޫރޯ ސާޖަރީ އަދި އޯތޯޕިޑިކްސް ސްޕެޝަލިޓީގެ ދަށުން އެނދުމަތި ކުރެވޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަ ކުރެވިފައިވާ ތަނެކެވެ.

މި ވިންގުގައި ސަރޖިކަލް ސްޕެޝަލިޓީގެ އެޗް.ޑީ.ޔޫއަކާއި، ސްޓެޕް ޑައުން ޔުނިޓަކާއި، ސަރޖިކަލް ޖެނެރަލް ޔުނިޓަކާއި، އޯތޯޕީޑިކް ޕޯސްޓްއޮޕަރޭޓިވް ކެއަރ ޔުނިޓަކާއި އަދި އޯތޯޕީޑިކް ޖެނެރަލް ޔުނިޓެއް ހިމެނެއެވެ. މީގެ އިތުރުން ޖެނެރަލް ވޯޑުގައި 44 އެނދު، ހައި ޑިޕެންޑެންސީ ޔުނިޓުގައި 15 އެނދު، 14 ކޮޓަރީގެ ޚާއްޞަ ޕްރައިވެޓް ވޯޑަކާއި، ފިހިގެން ފަރުވާ ދިނުމަށް ޚާއްޞަ ކުރެވިފައިވާ 2 އެނދުގެ ވަކި ޔުނިޓެއް ޤާއިމުކޮށްފައިވެއެވެ. އަދި 28 ފާހާނާއާއި 6 ނަރސިންގ ސްޓޭޝަނެއްވެސް މި ވިންގުގައި ހިމެނެއެވެ.

އައިޖީއެމްއެޗްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އައު ވިންގާއެކު ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. މިގޮތުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، އޮޕަރޭޝަން ކުރުމަށް އިންތިޒާރު ކުރަންޖެހޭ ވަގުތު ކުރުވެގެންދާނެއެވެ. އަދި ޚާއްޞަ ފަރުވާގެ ޚިދުމަތްތައް ފުޅާވެ، އޮޕަރޭޝަން ބަލިތަކަށް އެނދުމަތި ކުރެވޭ ފަރާތްތަކަށް ޕްރައިވެޓް ރޫމް ހޯދަން ފަސޭހަވެގެންދާނެއެވެ.

މި ބަދަލުތަކާއެކު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

މި އައު ވިންގާއެކު، އައިޖީއެމްއެޗްއިން ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ސަރޖިކަލް އަދި އޯތޯޕީޑިކް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މި ވިންގުގެ ސަބަބުން ފަރުވާގެ ފުރިހަމަކަން އިތުރުވެ، އެއް ތަނެއްގައި ގިނަ ޚިދުމަތްތަކެއް ލިބުމުން، ބަލިމީހުންނަށް ފަސޭހަވެގެންދެގެންދާނެކަމަށްވެސް ބެލެވެއެވެ.

އައިޖީއެމްއެޗްގެ މި އައު ވިންގަކީ ސަރުކާރުގެ މައި ހޮސްޕިޓަލުގެ ވަސީލަތްތަކާއި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިން، މިދިޔަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ރަސްމީކޮށް ހުޅުވާފައިވެއެވެ. އެ ހޮސްޕިޓަލުގައިވެސް ވަނީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމްކޮށްފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މުޅިން އަލަށް ނެޝަނަލް ފަރޓިލިޓީ ސެންޓަރެއް ޤާއިމްކޮށް، ނިއުރޯ ސަރޖިކަލް، އެންޑޮވެސްކިއުލަރ އަދި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތާއެކު ހައިބްރިޑް ކެތު ލެބެއް އަދި ކުޑަކުދިންނަށް ޚާއްސަ އިމަރޖެންސީ ރޫމެއްވެސް ޤާއިމުކޮށްފައިވެއެވެ.

މި ހުރިހާ ތަރައްޤީތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިއްޙީ ދާއިރާގެ ވަޢުދުތައް ތަންފީޒްކުރުމުގެ މަސައްކަތުގެ ދަށުން ކުރެވެމުންދާ ކަންކަމެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ  ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ރައްޔިތުންނަށް ލިބޭ ފަރުވާގެ ފެންވަރު މަތިވެގެންދާނެކަމަށް ބެލެވެއެވެ.

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS