ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އައިޖީއެމްއެޗުގެ 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ހުޅުވައިދެއްވުން ފޮޓޯ:ރައީސް އޮފީސް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު ހުޅުވައިދެއްވައިފިއެވެ.
އައިޖީއެމްއެޗްގެ ލެބޯރެޓަރީގެ ކުރިމަތީގައި ޤާއިމުކޮށްފައިވާ މި ވިންގު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގައި ހުރި ވަސީލަތްތައް ބައްލަވާލައްވާފައެވެ.
މި އައު ވިންގަކީ ޖެނެރަލް ސާޖަރީ، ނިޔުރޯސާޖަރީ، ޕްލާސްޓިކް ސާޖަރީ، ޔޫރޯ ސާޖަރީ އަދި އޯތޯޕިޑިކްސް ސްޕެޝަލިޓީގެ ދަށުން އެނދުމަތި ކުރެވޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަ ކުރެވިފައިވާ ތަނެކެވެ. މިތަނުގައި ސަރޖިކަލް ސްޕެޝަލިޓީގެ އެޗް.ޑީ.ޔޫއަކާއި، ސްޓެޕް ޑައުން ޔުނިޓަކާއި، ސަރޖިކަލް ޖެނެރަލް ޔުނިޓަކާއި، އޯތޯޕީޑިކް ޕޯސްޓްއޮޕަރޭޓިވް ކެއަރ ޔުނިޓަކާއި އަދި އޯތޯޕީޑިކް ޖެނެރަލް ޔުނިޓެއްވެސް ހިމެނެއެވެ.
ޖެނެރަލް ވޯޑުގައި 44 އެނދު، ހައި ޑިޕެންޑެންސީ ޔުނިޓުގައި 15 އެނދު، 14 ކޮޓަރީގެ ޚާއްޞަ ޕްރައިވެޓް ވޯޑަކާއި، ފިހިގެން ފަރުވާ ދިނުމަށް ޚާއްޞަ ކުރެވިފައިވާ 2 އެނދުގެ ވަކި ޔުނިޓެއް މި ވިންގުގައި ހިމެނެއެވެ. މީގެ އިތުރުން 28 ފާހާނާއާއި 6 ނަރސިންގ ސްޓޭޝަނެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
މި އައު ވިންގާއެކު، އައިޖީއެމްއެޗްއިން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، އޮޕަރޭޝަން ކުރުމަށް އިންތިޒާރު ކުރަންޖެހޭ ވަގުތު ކުރުވެގެންދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި މި ބަދަލުތަކާއެކު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށްވެސް ބުނެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ވަސީލަތްތަކާއި ކެޕޭސިޓީ އިތުރުކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން ޒަމާނީ ހުރިހާ ވަޞީލަތްތަކަކާއެކު، ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދާއި ލަފާއާއި، އެމަނިކުފާނުގެ ސިއްޙީ ދާއިރާގެ ވަޢުދުތައް ތަންފީޒްކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް އެ ހޮސްޕިޓަލުގައި ވަނީ ޤާއިމްކޮށްފައެވެ.