ޚަބަރު
ފަހުގެ ތާރީޚެއްގައި ދިވެހި ޙައްޖުވެރިން ޤައުމީ އެއަރލައިނުގައި ފޮނުވޭ މިއީ ފުރަތަމަ ފަހަރު: ވަޒީރު ޝަހީމް

މިއަހަރުގެ ޙައްޖު މޫސުމުގައި ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން ދަތުރުކުރާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން
މިއަހަރުގެ ޙައްޖު މޫސުމުގައި ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން ދަތުރުކުރާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ފަހުގެ ތާރީޚެއްގައި ދިވެހި ޙައްޖުވެރިން ޤައުމީ އެއަރލައިނުގައި ފޮނުވޭ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. ގިނަ އަހަރުތަކަކަށްފަހު ޙައްޖުވެރިން މޯލްޑިވިއަންގެ ބޯޓެއްގައި ދަތުރުކުރީ މިއަދުކަމަށާއި، އެ ބޯޓުން 255 ޙައްޖުވެރިއަކު ދަތުރުކުރިކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެނިހެން އަހަރުތަކުގައި ޙައްޖުވެރިން ދަތުރުކުރަނީ ސަޢުދީ އެއަރލައިންތަކާއި އެނޫންވެސް ބޭރުގެ ބައެއް އެއަރލައިންތަކުގެ ބޯޓުތަކުގައެވެ. ނަމަވެސް މިއަހަރު ޤައުމީ އެއަރލައިނުން ޙައްޖުވެރިންގެ ދަތުރުތައް ފެށުމާއެކު، ޙައްޖު ދަތުރުތަކުގައި ޤައުމީ އެއަރލައިން އިސްވެފައިވާކަން ފާހަގަކުރެވެއެވެ.
ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމަށް މިއަހަރު ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާދީފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. އަދި މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ އިއްޔެއެވެ. އަދި މިއަދު ދެވަނަ ގުރޫޕު ފުރާފައިވާއިރު، ފަހު ގުރޫޕު ފުރާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުގައެވެ.
ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުއެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙަމަދު މުޢިއްޒުގެ އެދިލެއްވުމަށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.