Ads by Stelco

ޚަބަރު

އުންމީދަކީ ކުރިމަގުގައި މިއަށްވުރެވެސް ކަންކަން ފަހިވުން: ރައީސް މުޢިއްޒު

އުންމީދަކީ ކުރިމަގުގައި މިއަށްވުރެވެސް ކަންކަން ފަހިވުން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މައްކާގެ އިސް ވަފުދާއި ބައްދަލުކުރައްވާ ޝުކުރުއަދާކުރެއްވި ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2025، 01:59

27 މޭ 2025، 01:59

މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު 8 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ އުފަލާއި ޝަރަފެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގެންނެވި ފުރަތަމަ 235 ޙާޖީންނަށް ސަޢޫދީ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއަކާއެކު ފުރިހަމަ މެހެމާންދާރީއެއް އަދާކުރައްވާފައިވާ ކަމަށެވެ. އަދި ޙާޖީން އެއަރޕޯޓުގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ދިވެހި ޙާޖީންނަށް އެންމެ ލުއި އަދި އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަކަށް ވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އުންމީދަކީ ކުރިމަގުގައި މިއަށްވުރެވެސް ކަންކަން ފަހިވުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ދިވެހި ޙާޖީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރައްވާ، އަދި ސަޢޫދީ ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް މުޢިއްޒު އެ ޕޯސްޓް ނިންމަވާލައްވާފައިވަނީ ހިތްހަމަޖެހުމާއި ދުޅަހެޔޮކަމާ އެކު، މަބްރޫރު ޙައްޖެއް ދިވެހި ޙާޖީންނަށް މާތްﷲ މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ އިއްޔެއެވެ. އަދި މިއަދު ދެވަނަ ގުރޫޕު ފުރާފައިވާއިރު، ފަހު ގުރޫޕު ފުރާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުއެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙަމަދު މުޢިއްޒުގެ އެދިލެއްވުމަށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.



                    

މި ލިޔުން ކިޔާލުމުން

Ads by MSS