ޚަބަރު
މައްކާ ރޫޓު އިނިޝިއޭޓިވް އަކީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުމުގެ ވަރުގަދަކަން ދައްކުވައިދޭ ހެއްކެއް: ސަފީރު

ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ސަރީރު
މައްކާ ރޫޓު އިނިޝިއޭޓިވްއަކީ ސަޢުދީ ޢަރަބިއްޔާއާއި ވަރަށް ގުޅުން ރަނގަޅު ޤައުމުތަކަށް އޮންނަ ނިޒާމެއްކަމަށާއި، ދިވެހިރާއްޖެއަށް މި އިނިޝިއޭޓިވް ހަމަޖެހިގެން ދިއުމުން ދައްކުވައިދެނީ ދެޤައުމުގެ ގުޅުމުގެ ވަރުގަދަކަން ކަމަށް ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ސަރީރު ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވެފައިވަނީ، މައްކާ ރޫޓު އިނިޝިއޭޓިވްގެ ދަށުން ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަރަކާތަށްފަހު ދެއްވި އިންޓަރވިއުއެއްގައެވެ.
ސަފީރު އަޙްމަދު ސަރީރު އިތުރަށް ވިދާޅުވެފައިވަނީ، މައްކާ ރޫޓު އިނިޝިއޭޓިވްގެ ދަށުން ވަރަށް ބޮޑު ފަސޭހައެއް ހުރިހާ ޙާޖީންނަށްވެސް ލިބުނު ކަމަށާއި، ހުރިހާ ހާޖީންގެ ފަރާތުންވެސް ފެނުނީ ވަރަށް އުފާވެރިކަން ކަމަށެވެ. އަދި ހުރިހާ ޚިދުމަތްތަކާއި އިންތިޒާމުތަކުގެ ރަނގަޅުކަން ހާޖީން ފާހަގަކުރި ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މައްކާ ރޫޓުގެ ކަންކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަމަޖެހިގެން ދިއުމަކީވެސް ދެޤައުމުގެ ގުޅުމުގެ ބަދަހިކަމުގެ ހެއްކެކެވެ. އަދި ދިވެހިރާއްޖެއަކީ އަބަދުވެސް ހާޖީން އުޅޭ އުޅުމުގައި ހުރިހާ އިންތިޒާމުތަކެއް ރަނގަޅަށް ހުންނަ ޤައުމެއްކަމަށް ސަޢުދީ އަރަބިއްޔާގެ ފަރާތުން ފާހަގަކުރެއްވި ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ މައްކާރޫޓު އިނިޝިއޭޓިވް ސަޢުދީ ސަރުކާރުން ހަމަޖައްސައިދިން 8ވަނަ ޤައުމެވެ. ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ ވިޝަން 2030ގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ފޯރުކޮށްދެނީ މަދުވެގެން 20،000 ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ދާ ޤައުމުތަކަށެވެ. ނަމަވެސް ރާއްޖެއަށް މި އިނިޝިއޭޓިވް ހަމަޖައްސާދީފައިވަނީ، އެކަން އިސްތިސްނާކުރުމަށްފަހުއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިއީ އެއްވެސް އެގްރީމެންޓެއް ނެތި ސަޢުދީން ދެއްވި ޚާއްސަ ހަދިޔާއެކެވެ.