ޚަބަރު
ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ޤައުމީ އެއަރލައިންގައި ސަޢުދީއަށް ފުރައިފި

މިއީ އަހަރުތަކެއް ފަހުން މޯލްޑިވިއަންގައި ޙައްޖުވެރިން ދަތުރުކުރާ ފުރަތަމަ ފަހަރު.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕު މިއަދު ހެނދުނު 8:00 ގައި ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ. މި ފްލައިޓުގައި 256 ޙައްޖުވެރިން ދަތުރުކުރިއެވެ.
ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއްގައެވެ. މިއީ އަހަރުތަކަކަށްފަހު މޯލްޑިވިއަންގެ ބޯޓެއްގައި ޙައްޖުވެރިން ދާ ފުރަތަމަ ފަހަރެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރެވެނީ ޖިއްދާ ގަޑިން މިއަދު 11:00 އެހާއިރުއެވެ.
ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް، ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރު ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. ސަރުކާރުން ވަނީ މާލެއިން 3 ރޫޓަކުން އަދި ހުޅުމާލެއިން 2 ރޫޓަކުން ބަސްދަތުރު ހަމަޖައްސާފައެވެ. ބަސް ދަތުރުތައް ފެށީ ރޭ ދަންވަރު 3:00 ޖެހިއިރުއެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ އިއްޔެއެވެ. އަދި މިއަދު ދެވަނަ ގުރޫޕު ފުރާފައިވާއިރު، ފަހު ގުރޫޕު ފުރާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުއެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙަމަދު މުޢިއްޒުގެ އެދިލެއްވުމަށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.