ޚަބަރު
ރާއްޖެއިން ޙައްޖަށް ދިޔަ ފުރަތަމަ ގްރޫޕަށް ސަޢުދީން ހޫނު މަރުޙަބާއެއް ކިޔައިފި

ރާއްޖެއިން ޙައްޖަށްދިޔަ ފުރަތަމަ ގްރޫޕަށް ސަޢުދީން މަރުޙަބާ ކިއުން ފޮޓޯ: ވުޒާރާ
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ފުރަތަމަ ގްރޫޕަށް ސަޢުދީ ޢަރަބިއްޔާއިން ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މިގްރޫޕުގައި ހިމެނޭ 235 ޙައްޖުވެރިން ޖިއްދާ އެއަރޕޯޓަށް ޤައުމީ ދަތުރުވެރިންގެ ޚިދުމަތް ދޭ ސަޢުދީ އެއަރލައިންސްގެ ބޯޓަކުން ޖައްސާފައިވަނީ ރާއްޖެ ގަޑިން 9 ޖަހާ އެހާކަންހާއިރުއެވެ.
ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމުގެ ގޮތުން، އެއަރޕޯޓުން ކޮންމެ ޙާޖީއަކަށް ފިނިފެންމަލަކާއި ކުޑައެއް ހަދިޔާކޮށްފައިވެއެވެ. އަދި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕަށް މަރުޙަބާ ދެންނެވުމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރުވެސް އެއަރޕޯޓަށް ވަޑައިގެންފައިވެއެވެ.
މިއަހަރު ޙައްޖުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. ސަރުކާރުން ސަޢުދީ ސަރުކާރާއެކު ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިފައިވާތީ، ރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުން ޖިއްދާ އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވާނެއެވެ. މި އިނީޝިއޭޓިވްގެ ދަށުން، ސަޢުދީގެ އިމިގްރޭޝަނުން ފުރިހަމަ ކުރަންޖެހޭ ކަންކަން ޙައްޖުވެރިންވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން ފުރިހަމަކޮށްފައެވެ.
ރާއްޖެއިން ޙައްޖަށް ދިޔުމަށް ފުރާ ދެވަނަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. ތިންވަނަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހު އަދި ފަހު ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހުއެވެ.
މިއަހަރުގެ ޙައްޖު މޫސުމުގައި ރާއްޖެއިން ގިނަ އަދަދެއްގެ ޙައްޖުވެރިން ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ. ސަރުކާރުން ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޙައްޖުވެރިންނަށް ވީހާވެސް ފަސޭހަ އަދި އަރާމު ދަތުރެއް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.