ދީން
ޙައްޖު މަހުގެ ފުރަތަމަ ދިހައެއް: ހެޔޮކަން އެދޭ މީހާ ގަދައަޅައި މަސައްކަތްކުރަން އޮތް ރަނުގެ ފުރުޞަތެެއް

ޒިކުރު ކުރުމާއި ޤުރުއާން ކިޔެވުން ގިނަކޮށް އިތިރުކުރަންޖެހޭ ދުވަސްވަރެއް
ހުލާސާ
ކޮންމެ އަހަރަކުވެސް މުސްލިމުންނަށް ޚާއްސަ މާތްކުރެވިގެންވާ ދުވަސްތަކެއް ވެއެވެ. އެގޮތުން ކުރިއަށް އޮތް ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހަކީ މުސްލިމުންނަށް ހެޔޮކަން ލިބިގަތުމަށް ހުޅުވިގެންދާ ފުޅާވެގެންވާ ދޮރެކެވެ.
ހެޔޮކަން އެދޭނަމަ ހެޔޮމަގުން ކުރިއަށްދާންވީއެވެ. މިދުވަސްވަރު ހެޔޮކަން ހޯދުމަށް ކުރާނެ ގިނަގުނަ ކަންތައްތަކެއް އެބަހުއްޓެވެ.
އެއްކަމަކަށް ކުރުމަށް ލުއި ފަސޭހަ ޢަމަލެކެވެ. ޒިކުރު ކުރުމެވެ. މަސައްކަތުގެ މާހައުލުގައި އަވަދިނެދި އުޅޭއިރުވެސް ޛިކުރުން އަހަރެމެންގެ ދޫތައް ތެއްކޮށްބޭއްވިދާނެއެވެ.
މައްކާގައި ޙައްޖުވެރިން ދުވާލާއި ރޭގަނޑު ތަލްބިޔާ ކިޔަމުންދާއިރު ޙައްޖުވާން ނުދެވިތިބި މުސްލިމުންނަށް އަބަދުމެ ޒިކުރުކުރުން މަތީ ތިބެވިދާނެއެވެ. ޒިކުރު ކުރެވޭ މިންވަރު އިތުރުކުރުމަށް ފަސް ނަމާދަށް ފަހު ޒިކުރު ކުރުން އާދަކުރެވިދާނެއެވެ. سبحان الله 33 ފަހަރު، الحمد لله 33 ފަހަރު، އަދި الله أكبر 34 ފަހަރު ކިޔުމެވެ.
سبحان الله وبحمده ދުވާލަކު ސަތޭކަ ފަހަރު ކިޔުމެވެ. މިކަމަކީ ފާފަތައް ފުހެވިގެންދާނެ ކަމެކެވެ. އެއީ ކިތަންމެ ބޮޑު ފާފައެއް ކަމުގައިވިޔަސްމެއެވެ.
މި ފަސޭހަ ޢަމަލުން ދުވަހުގެ ހުރިހާ ވަގުތެއްގައި ﷲ ހަނދުމަކުރެވެމުންދާނެއެވެ. މިޢަމަލުން ޛުލްޙިއްޖާމަހުގެ ބަރަކާތާ މަންފާ ލިބެމުންދާނެއެވެ.
ދެވަނަ ޢަމަލަކީ ޛުލްޙިއްޖާގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމެވެ. އެއީ މަތިވެރިވެގެންވާ ސުންނަތެކެވެ. ރޯދައަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލެވެ. ޙަދީޘް ޤުދުސީއެއްގައި ވެއެވެ. 'އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއް ވަނީ އޭނާއަށްޓަކައި، ރޯދަ ފިޔަވައި، ރޯދަވަނީ ތިމަން އިލާހަށްޓަކައެވެ. އަދި ތިމަން އިލާހު އެއަށް ޖަޒާ ދެއްވާހުށީމެވެ.

ޙައްޖުމަހުގެ ހެޔޮކަންލިބިގަތުމަށް މުޅި ނުވަ ދުވަހު ރޯދަ ނުހިފޭނަމަ، ހަމައެކަނި ޢަރަފާތް ދުވަހު، ރޯދަ ހިފާށެވެ. ލައިލަތުލް ޤަދުރިއަކީ އަހަރުގެ އެންމެ ބަރަކާތްތެރި ރޭ ކަމުގައިވާ ފަދައިން، ޢަރަފާތް ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި ދުވަހެވެ.
ޙައްޖުމަހުގެ ދިހަދުވަހުގެ ހެޔޮކަން ހޯދުމަށް ކުރެވޭނެ އަނެއް ކަމަކީ ޤުރްއާން ކިޔެވުމެވެ. ޤުރްއާން ކިޔެވުމަކީ ﷲއާއި އެއިލާހުގެ އަޅުންނާއި އޮންނަ ގުޅުން އިތުރުވެ އަޅާއަށް އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމަށް އަހަރެމެންނަށް ކުރެވޭނެ އެންމެ ހެޔޮ އަޅުކަންތަކުގެ ތެރެއިން އެއްޢަމަލެވެ.

ފޯނުން ވެސް މިހާރު ޤުރުއާން ކިޔަވައިލެވޭ
އިތުރު ކަމަކަށް ޞަދަޤާތް ދިނުމެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ﷺ އަހަރެމެންނަށް އަންގަވާފައިވަނީ ފެން ދިނުމަކީ އެންމެ ހެޔޮ ޞަދަޤާތް ކަމުގައެވެ. ލޮބުވެތި މީހެއްގެ ނަމުގައި ފެން ވަޅެއް ބިނާކުރުމުން މުޅި މުޖުތަމަޢުއަކަށް ދިރުމުގެ ވަސީލަތެއް ހަދިޔާކުރެވި، ޤިޔާމަތް ދުވަހަށްޓަކައި އެ ލޮބުވެތި މީހާގެ ހެޔޮ ޢަމަލުތައް އިތުރުވެގެންދާނެކަމެކެވެ.

ޞަދަޤާތްދިނުން
ރަމަޟާން މަހުގެ ފަހުދިހައިގައި ތަހައްޖުދު ނަމާދު ކުރުމަށް އަހަރެމެން ހީވާގި ވީމެވެ. ހަމަ އެފަދައިން މިދުވަސްވަރުވެސް ހީވާގިވާށެވެ.
އިތުރު ކަމަކަށް ތައުބާވުމެވެ. ޙައްޖަކީ އަޅުކަންތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ޢަމަލެވެ. އަަހަރެމެން މުސްލިމުން ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުން އެދި އަދި ފާފަތަކުގެ ކައްފާރާ އަށް އެދި ކުރެވޭ އެންމެ މަތިވެރި އަޅުކަމެވެ.
ނަމަވެސް އަހަރެމެން ގިނަ މީހުންނަށް އުމުރުގައި އެއްފަހަރު ވެސް ޙައްޖަށް ދެވުމަކީ ނަސީބެކެވެ. އެހެންކަމުން ޛުލްޙިއްޖާ މަހަކީ ﷲ ދެއްވި ޚާއްޞަ ހަދިޔާއެކެވެ. ޙައްޖަށް ނުދެވުނު ނަމަވެސް ތައުބާވެ ފާފަ ފުއްސެވުން އެދުމުގެ ފުރުޞަތު ލިބިގެންވާ މައްސަރެކެވެ. ތައުބާވުމަކީ ﷲ އާއި އޮންނަ ގުޅުން އިތުރުކޮށް ނަފްސު ސާފުކުރުމުގެ ވަސީލަތެކެވެ.
ރަމަޟާންމަހެކޭ އެއްގޮތައް ކުރިއަށް މިއޮތް ދުވަސްވަރަކީވެސް ހެޔޮ ޢަމަލުތައް ކޮށް ނަފްސު އިޞްލާޙު ކުުރުމަށް ލިބޭ ފަހި ފުރުސަތެކެވެ. އެހެންކަމުން ކޮންމެ މުސްލިމަކުމެ މިދުވަސްވަރުގެ ހެޔޮކަން ހޯދައިގަތުމަށް ހީވާގިވާންޖެހެއެވެ.
ހެޔޮކަން އެދޭމީހާ އަށް އޮތީ ހެޔޮކަމުގައި ހިފުމެވެ. ހެޔޮ ޢަަމަލުކުރުމެވެ. ޢީދަށް ތައްޔާރުވުމުގެ ނަމުގައި ޣީރަތްތެރިކަމާ ލަދު ޙަޔާތް ނަގައިލައި ބޮޑެތިވެގެންވާ ފާފަތަކަށް އަރައިގަތުމުން ދުރުހެލިވާންޖެހެއެވެ. ގެއްލުމާއި ހަލާކުގެ މަގު ދޫކޮށްލާންޖެހެއެވެ.