ޚަބަރު
ހުޅުމާލެ ހޮސްޕިޓަލްގެ 30 އެނދުގެ ޑަޔަލިސިސް ސެންޓަރު މިނިވަންދުވަހަށް ހުޅުވަން ނިންމައިފި

މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ހަލީމް
ހުޅުމާލެ ހޮސްޕިޓަލްގައި ތަރައްޤީކުރަމުން އަންނަ 30 އެނދުގެ ޑަޔަލިސިސް ސެންޓަރު މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ހުޅުވުމަށް ނިންމާފައިވާކަމަށް މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ މިއަދު ހުޅުމާލެ ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި 14 އެނދުގެ އިމަޖެންސީ ރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރަށް އިތުރު 30 އެނދު އިތުރުކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަމިއްލަ ދެ ކުންފުންޏަކާއެވެ. މިހާރު އެ ސެންޓަރުގައި ވަނީ 10 އެނދު ޤާއިމްކޮށްފައެވެ. އަދި މި 10 އެނދާއެކު މިސެންޓަރުން މިވަގުތު 80 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން އެއް އެނދަކީ ކުއްލި އިމަޖެންސީ ހާލަތްތަކަށް ޚާއްޞަކުރެވިފައިވާ އެނދެކެވެ.
އިބްރާހިމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވިގޮތުގައި ޑަޔަލިސިސް ސެންޓަރަށް 30 އެނދު އިތުރުކުރުމުގެ މަސައްކަތް މިހާރުދަނީ ބާރު ދުވެއްޔެއްގައި ކުރިއަށެވެ. އަދި މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް އެ ސެންޓަރު ހުޅުވައި ޚިދުމަތް ދޭން ފެށުމަށް ވަނީ ނިންމާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ދޭން ފެށީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން މިވީ މުއްދަތުގައި މިޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެހޮސްޕިޓަލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެއިތުރުން، ހުޅުމާލެ ހޮސްޕިޓަލަށް އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމުގެ މުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އިބްރާހިމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވިއެވެ. އެގޮތުން، ހޮސްޕިޓަލްގެ އެނދުގެ ދަތިކަން ހައްލުކުރުމަށްޓަކައި 28 އެނދުގެ ވޯޑެއް ޤާއިމްކުރުމަށް ޕްލޭންކޮށްފައިވާކަމަށާއި، މެންޓަލް ހެލްތް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.
ދުރުރާސްތާ ޕްލޭންގެ ދަށުން، ރައީސް މުޢިއްޒު އިސްނެންގެވުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ ގޯތި ތެރޭގައި 250 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްވެސް ޕްލޭން ކުރަމުންދާކަމަށް އިބްރާހިމް އަބްދުއްރައްޒާޤު ހަލީމްވިދާޅުވިއެވެ.
ހުޅުމާލޭގައި ޚިދުމަތް ހޯދާ ފަރާތްތަކަށް އައިޖީއެމްއެޗަށް ނުވަތަ އެހެން ހޮސްޕިޓަލްތަކަށް ޚިދުމަތް ހޯދުމަށް ދާން ޖެހޭ ވަރު މިވަނީ މަދުވެފައި. ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީކުރަމުންގެންދާއިރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އީއާރުގެ ޖާގައިގެ ދަތިކަމާއި ވަޞީލަތްތައް މަދުވުން. ރައީސްގެ ޚާއްސަ އިރުޝާދުގެ ދަށުން އީއާރް ބޮޑުކުރުމުގެ މަސައްކަތް ފަށައި ޚިދުމަތްތައް މިވަނީ ޤާއިމްކޮށްފައި
އިބްރާހިމް އަބްދުއްރައްޒާޤު ހަލީމް
އޭނާ އިތުރަށް ވިދާޅުވިގޮތުގައި، ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން، ހޮސްޕިޓަލްތައް ވާދަވެރިގޮތުގައި ހިންގުމުގެ ބަދަލުގައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މިގޮތުން، މިހާރު އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑޮކްޓަރުންނަށް ހުޅުމާލެ ހޮސްޕިޓަލަށް ގޮސް އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި އަހަރުގެ ނޮވެންބަރު މަހު ހުޅުމާލެ ހޮސްޕިޓަލް ވަނީ ޓާޝަރީ ހޮސްޕިޓަލް ފެންވަރަށް ބަދަލުކޮށްފައެވެ. މިގޮތުން، ޓަރޝަރީ ފެންވަރަށް ހުޅުމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމަށް ގިނަ ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ޤާއިމްކޮށްފައެވެ.
.