ޚަބަރު
ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމް ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ހުޅުމާލޭ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގގައެވެ.
މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ހުޅުމާލެ ހޮސްޕިޓަލުގެ ހިންގުން ޙަވާލުކޮށްފައިވާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ އައު އިމަރޖެންސީ ރޫމް ހުޅުއުޅުއްވައިދެއްވުމަށްފަހު އެތަނުގެ ޚިދުމަތްތަކާއި ވަސީލަތްތައް ބައްލަވާލެއްވިއެވެ.
ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދިއުމާއެކު، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުއްލި ޙާލަތުގައި އިމަރޖެންސީކޮށް ފަރުވާ ދިނުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. މިގޮތުން، ވޭތުވެދިޔަ 7 އަހަރު ހުޅުމާލޭ ހޮސްޕިޓަލުގައި އީއާރްގެ ޚިދުމަތް ދެމުން އައީ 7 އެނދުގެ ތަނެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ނިއު ޕޮލިސީ އިނީޝިއޭޓިވްއެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލުގެ އީ.އާރް އެކްސްޕެންޝަން ޕްރޮޖެކްޓު ހިންގުމަށް ނިންމުނެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު 14 އެނދަށް އިތުރުކުރެވުނެވެ.
އައު އިމަރޖެންސީ ރޫމުގައި ކްރިޓިކަލް ބަލި މީހުންނަށް ޚާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ޤާއިމުކުރެވިފައިވެއެވެ. މި ރޫމް ތައްޔާރުކޮށްފައިވަނީ ބޮޑެތި އިމަރޖެންސީ ޙާލަތްތަކަށް ޚާއްސަ އިސްކަމެއްދީގެންނެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެފައިވަނީ، އައު އިމަރޖެންސީ ރޫމުގެ ސަބަބުން ބަލި މީހުންނަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މިހާރުވެސް ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވިފައިވާ ކަމަށެވެ.