ދުނިޔެ
ޑރ ޢާލާ އައް ނައްޖާރް، ޒަޚަމްވެފައި ތިބި ކުދިންނަށް ފަރުވާދެމުންދަނިކޮށް ލިބުނީ އޭނާގެ ނުވަ ދަރީން ޝަހީދުވި ޚަބަރު

ޑރ ޢާލާ އައް ނައްޖާރްގެ ދަރިން އަދި ފިރިކަލުން ޙަމްދީ
ޣައްޒާގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޢާލާ އައް ނައްޖާރް ޣައްޒާގެ ނާސިރް ހޮސްޕިޓަލުގައި އޭނާގެ ޑިޔުޓީގައި އުޅެނިކޮށް އޭނާގެ ގެޔަށް ބޮން އަޅައި އޭނާގެ 10 ކުދިންގެ ތެރެއިން 9 ކުދިން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައިވާގޮތުގައި، ހަމަލާގައި ޝަހީދުވި ޑރ ޢާލާގެ 9 ކުދިންގެ ތެރެއިން 7 ކުދިންގެ ހަށިގަނޑު ވަނީ ބޮޑަށް އަނދާފައެވެ. އަދި 7 މަހުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެއްގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. އެމިނިސްޓްރީ އިން ބުނެފައިވަނީ ބެލެވެނީ އެދެކުންދިންވެސް ޝަހީދުވެފައިވާކަމަށެވެ.
އެކުދިންނާއި އެކުދިންގެ ބައްޕަ ގޭގައި ތިއްބާ ދިން މިހަމަލާގައި ސަލާމަތްވެފައިވަނީ ޑރ ޢާލާގެ 11 އަހަރުގެ ދަރިފުޅު އާދަމް އާއި ފިރިކަލުން ޙަމްދީއެވެ. ހަމަލާގައި ޙަމްދީއަށްވެސް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

ޑރ ޢާލާ ފިރިކަލުން ޙަމްދީ ކައިރީގައި
ޑރ ޢާލާގެ އާއިލާގެ ބޭފުޅަކު ސީއެންއެންއަށް ބުނެފައިވަނީ ޙަމްދީ ޑރ ޢާލާ ހޮސްޕިޓަލްގެ ޑިޔުޓީ ގަޑިއަށް ހޮސްޕިޓަލަށް ލުމަށްފަހު ކުދިންނަށް ކާބޯތަކެތި ގަނެގެން ގެއަށް ދިޔައިރި އެގެއަށް މިސައިލް ހަމަލާއެއް ދީފައިވާކަމަށެވެ. އަދި ކުދިން ސަލާމަތްކުރަން ޙަމްދީ ގޭގެތެރެއާސް ވަދެ އުޅެނިކޮށް އިޒްެރާއިލްގެ ދެވަނަ ހަމަލާއެއް އެގެޔަށް ދީފައިވާ ކަމަށެވެ.

ޑރ ޢާލާގެ ދަރިފުޅު އާދަމް
ޣައްޒާގެ ސިވިލް ޑިފެންސުންވަނީ ހާދިސާގެ ބައެއް މަންޒަރުތައް އާންމުކޮށްފައެވެ. އެމަންޒަރުތަކުން ފެންނަ ގޮތުގައި ޕެރަމެޑިކުން ޒަޚަމްވެފައިވާ މީހަކު ސްޓްރެޗަރަކަށް އުފުލަމުންދާ މަންޒަރެވެ. އެހެން ފަސްޓް ރެސްޕޮންޑަރުން ގޭގައި ރޯވެފައިހުރި އަލިފާން ނިއްވުމަށް މަސައްކަތްކުރަމުންދެއެވެ. އެމީހުން އެތަނުން ނެރުނު ކުދިންގެ އަނދާފައިވާ ހަށިތައް ހުދު ފޮތިތަކުގައި ބަންދުކުރާ މަންޒަރުވެސް ފެނިގެން ދެއެވެ.
އަހަރެންގެ ބައްޕަ ޙަމްދީ ބޭބެ ސަލާމަތްކުރަން ދިޔަވަގުރު، މަގުމަތިން އާދަމް ފެނިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ، ބޭބެ ޙަމްދީ ހޮސްޕިޓަލަށް ގެންދިޔަޢީ ސިވިލް ޑިފެންސްގެ ޓީމުން، އާދަމް ނޫން އެހެން ހުރިހާ ކުދިންވެސް ތިބީ އަނދާފަ
އަލް ނައްޖާރް ޢާއިލާގެ މެމްބަރެއް
ޑރ ޢާލާ އައް ނައްޖާރްއަށް ބޮޑުދައިތަ ކިޔާ ޑރ. ސަހަރް އަލް ނަައްޖާރް ބުނެފައިވަނީ ޑރ ޢާލާ އޭނާގެ ކުޑަ ދަރިފުޅު ސިދްރާއަށް އެންމެ ފަހުން ދޭން ޕަމްޕުކޮށް ނަގާފައި ކިރު ދައްކާލައި ހިތް ކުދިކުދި ވާ ޙާލު ރޮމުން ދިޔަކަމަށެވެ.
“އެއީ އަދި ގާތުން ދޭ ކުއްޖެއް، އަހަރެެންގެ ހިތް ހަލާކުވެއްޖެ” ޑރ ޢާލާ ބުނެފައިވެއެެވެ. ޞިދްރާގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ.
"ޑރ. އަލާއަށް ވާހަކަ ވެސް ދެއްކޭ ވަރެއް ނުވޭ. އޭނާގެ މޫނު ފެނުނު ނަމަ، އޭނާގެ ވޭން އެނގުނީސް. އޭނާ ހަމައެކަނި ދުޢާކުރަނީ އޭނާގެ ދަރިފުޅާއި ފިރިމީހާ ރަނގަޅުވާނެ ކަމަށް." ޑރ ސަޙްރު ބުނެފައިވެއެވެ.
އެއާއިލާއިން ދިރި އޮއްވައި އެގެއިން ނެރެވުނު ދަރިފުޅު އާދަމް އޭނާގެ އޮޕަރޭޝަނަށްފަހު އެތަނުން ނެރުނު ވަގުތު އޭނާގެ ކޮއްކޮ ހައްވާއަށް ގޮވަމުން ބުނެފައިވަނީ، ގަހުގައި ލޭ އެބަހުރިކަމަށެވެ.
އާދަމްގެ އެއް އަތަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާއިރު، އަދި ދެތިން ދުވަހެއްގެ ތެރޭގައި އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭނެއެވެ. އޭނާގެ ބައްޕަ ޙަމްދީގެ ޙާލަތު އަދިވެސް ކްރިޓިކަލްއެވެ.
މިހަމަލާގައި ޑރ ޢާލާގެ 9 ކުދިން ޝަހީދުވެފައިވާއިރު އެކުދިންނަކީ:-
- ޔަހްޔާ ހަމްދީ އަލް-ނައްޖާރު، 12 އަހަރު
- ރަކާން ހަމްދީ އަލް-ނައްޖާރު، 10 އަހަރު
- ޙައްވާ ހަމްދީ އަލް-ނައްޖާރު، 9 އަހަރު
- ޖުބްރާން ހަމްދީ އަލް-ނައްޖާރު، 8 އަހަރު
- ރުސްލާން ހަމްދީ އަލް-ނައްޖާރު، 7 އަހަރު
- ރެވަލް ހަމްދީ އަލް-ނައްޖާރު، 5 އަހަރު
- ސަދީން ހަމްދީ އަލް-ނައްޖާރު، 3 އަހަރު
- ލުޤްމާން ހަމްދީ އަލް-ނައްޖާރު، 2 އަހަރު
- ޞިދްރާ ހަމްދީ އަލް-ނައްޖާރު، 1 އަހަރަށްވުރެ ދަށް
އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް އާއިލާއެއް އެއްކޮށް ޝަހީދުވެގެން ގޮސްފައިވެއެވެ. އެތައް އާއިލާއެއްގެ ނަން ޣައްޒާގެ ރެޖިސްޓަރުން ފުހެވިގެން ގޮސްފައިވެއެވެ.