ޚަބަރު
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މައްކާއަށް ފުރައިފި

ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މައްކާއަށް ފުރުން ފޮޓޯ:ޕީއެސްއެމް
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު މައްކާއަށް ފުރައިފިއެވެ. 235 ޙައްޖުވެރިން ހިމެނޭ މި ގުރޫޕް ފުރާފައިވަނީ މިއަދު ހަވީރު 15:14 ގައި ސަޢުދީ އެއަރލައިންސްގެ ފްލައިޓަކުންނެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓަށް ޖައްސާނެ ކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން 20:49 ހާއިރުއެވެ.
ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދަތުރުކުރެވޭނެ އިންތިޒާމުތަކެއް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިގޮތުން މާލެ އާއި ހުޅުމާލެއިން ޖުމްލަ 5 ރޫޓަކުން ބަސް ދަތުރުތައް ހަމަޖައްސާފައިވެއެވެ. މި ދަތުރުތައް ފެށިފައިވަނީ މިއަދު ހެނދުނު 10:30 ގައެވެ. އަދި ހުޅުލޭ ފެރީ ޓާމިނަލުން ވެސް އެއަރޕޯޓަށް ދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. ބަސް ހުއްޓޭ ތަންތަނުގައި ފުލުހުންނާއި ސްކައުޓުން ވަނީ ޙައްޖުވެރިންނަށް އެހީތެރިވުމަށް ހަރަކާތްތެރިވެފައެވެ.
މިއަދުގެ އިތުރުން އަންނަ އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިންގެ އިތުރު ގުރޫޕްތަކެއް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރު ދިވެހި ޙައްޖުވެރިން މައްކާއަށް ފުރަނީ ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެދިލެއްވުމަށް ސަޢޫދީ ސަރުކާރުން މައްކާ ރޫޓުގައި ރާއްޖެ ވަނީ ހިމަނައިފައެވެ.މި ޚިދުމަތް ދިވެހިންނަށް ލިބިފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.