ޚަބަރު
ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭނެ ޕްލޭނެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ދުރުރާސްތާއަށް ވިސްނައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޔަޤީންކުރެވޭނެ މާސްޓަރޕްލޭނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި އައު މާސްޓަރޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް 3 ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު އެތައް ގޮތަކުން ފަހިވެގެންދާނެއެވެ. އަދި ގްރޭޓަރ މާލޭ ސަރަޙައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރޕްލޭނުން މަގުފަހިކޮށްދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެޗް.ޑީ.ސީގެ އަޕްގްރޭޑްކުރެވިފައިވާ ވެބްސައިޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އަލްފާޟިލް އާދަމް ޝަރީފު ޢުމަރެވެ. މި ވެބްސައިޓަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ވީހާވެސް އަވަހަށް އަދި އެހާމެ ލުއިފަސޭހަކަމާއެކު ލިބިގަނެވޭނެ ފަދަ ގޮތަކަށް ތަރައްޤީކުރެވިފައިވާ ވެބްސައިޓެކެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި މުއައްސަސާތަކަކީ، ކޮރަޕްޝަނާ ދުރުން، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ތަންތަނަށް ހެދުމަށް އެމަނިކުފާނު ބޭނުންފުޅުވެއެވެ. އަދި ކޮރަޕްޝަން ހިންގުމަށް އެއްވެސް މީހަކަށް ފުރުޞަތެއް ނުދެއްވާނެ ކަމަށާ، ކޮރަޕްޝަނަކީ އެއްވެސް ސުވާލެއްނެތި ހުއްޓުމަކަށް ގެންނަން ބޭނުންފުޅުވާ ކަމެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ 24 އަހަރު ކުރިން އެކުލަވާލެވުނު ހުޅުމާލޭ މާސްޓަރޕްލޭނަށް ޒަމާނީ މުހިންމު ބަދަލުތަކެއް ގެނެސް، މިއަދު އިފްތިތާޙުކުރެވުނު ހުޅުމާލޭ ރިވައިސްޑް މާސް ޓަރޕްލޭނަކީ އާންމު ދިރިއުޅުން އައު ހަރުފަތަކަށް އުފުލައިލެވި، ވިޔަފާރިއާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދެވި، ދެމެހެއްޓެނިވި ތަރައްޤީގެ ވެއްޓެއް ކަށަވަރުކޮށްދެނިވި މާސްޓަރޕްލޭނެކެވެ.
ރައީސް މުޢިއްޒު އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ހުޅުމާލޭގެ ހުރިހާ ފިޔަވައްސެއްގައި ފުއުއްދަވައިދެއްވަން ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްވެސް، އެޗް.ޑީ.ސީގެ އެއްބާރުލެއްވުމާއެކު، ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުންނެވެ.