ޚަބަރު
އެޗްޑީސީގެ އައު މާސްޓަރޕްލޭނުން ހުޅުމާލެ ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ތަސައްވުރު ހާސިލްވާނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ހުޅުމާލެ ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ތަސައްވުރު ހާސިލްކުރެއްވުމަށް އެޗްޑީސީގެ އައު މާސްޓަރޕްލޭނުން މަގުފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭނާއި އެޗްޑީސީގެ އައު ވެބްސައިޓް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެޗްޑީސީން ތައްޔާރުކޮށްފައިވާ މާސްޓަރޕްލޭނަކީ ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ގަސްތުކުރައްވާ ތަރައްޤީގެ މަޝްރޫޢުތަކާއި ހުޅުމާލޭގެ ތިން ފިޔަވަހި އެކުގައި ފައިނޭންޝަލް ސެންޓަރާއެކު ގުޅިލާމެހިގެން ތަރައްޤީ ގެނައުމަށް މަގުފަހިވެގެންދާނެ ޕްލޭނެކެވެ. އަދި މިއީ ދުރު ރާސްތާއަށް ވިސްނައިގެން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޔަޤީންކުރެވިގެންދާނެ މާސްޓަރޕްލޭނެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ޤާއިމްވެފައިވާގޮތަށް އެއަށް ކޮމްޕްލިމަންޓް ކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ އަޅުގަނޑު އެންމެ ބޭނުންވާ، ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްޤީއަކީ،
ރައީސް މުޢިއްޒު
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އެޗްޑީސީގެ މާސްޓަރ ޕްލޭންގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހޭ މާޙައުލެއް ޤާއިމުވެގެންދާނެއެވެ. އަދި ހުޅުމާލެ ތަރައްޤީ ކުރުމުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތައް އެޗްޑީސީއާއި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކުރައްވާ މަސައްކަތްތަކުން ފުއްދަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.