ދުނިޔެ

އިޒްރާއިލްގެ ހަމަލާއެއް ޣައްޒާގެ ސްކޫލަކަށް، ދިރިތިއްބާ ގިނަ ކުޑަކުދިންތަކެއް އަނދައިގެން ހިނގައްޖެ

އިޒްރާއިލްގެ ހަމަލާއެއް ޣައްޒާގެ ސްކޫލަކަށް، ދިރިތިއްބާ ގިނަ ކުޑަކުދިންތަކެއް އަނދައިގެން ހިނގައްޖެ

އިޒްރާއިލްގެ ހަމަލާގައި އަނިޔާވެ އެނދިބައެއް މީހުންގެ ހަށިތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 މޭ 2025، 01:03

26 މޭ 2025، 01:03

އިޒްރާއިލުން ޣައްޒާގެ ޙާލުގައި ޖެހިފައިތިބި މީހުން ވަގުތީ ހިޔާވަހިކަން ހޯދަމުންދިޔަ ޣައްޒާ ސިޓީގެ ސްކޫލަކަށް ހަމަލާދީފިއެވެ.

މިހަމަލާގައި މަދުވެގެން 30 މީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އަލް-އަޤްސާ ޓީވީ އާއި އެހެނިހެން ލޯކަލް މީޑިއާތަކުން މި ހާދިސާ ސިފަކޮށްފައިވަނީ ޤަތުލްޢާންމެއްގެ ގޮތުގައެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފަހުމީ އަލް-ޖަރޖާވީ ސްކޫލަށެވެ. މި ސްކޫލަކީ އިޒްރޭލުގެ ހަމަލާތަކުން ސަލާމަތްވުމަށް ގިނަ އާއިލާތަކެއް ހިމާޔަތް ހޯދަމުންދިޔަ ތަނެކެވެ.

އިމަޖެންސީ ސަރވިސްގެ އިސްވެރިޔާ ފަހުމީ އަވާދު ވިދާޅުވި ގޮތުގައި މި ހަމަލާގައި 55 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ބައްޕައަކާއި އޭނާގެ ފަސް ދަރިން ހިމެނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މީހުން ނިދާފައި ތިއްބާ ސްކޫލަށް ތިން ފަހަރު ހަމަލާ ދިނުމުގެ ސަބަބުން އެތަނުގައި ހުރި ތަކެތި ވަނީ އަނދައިގެން ގޮސްފައެވެ.

ހަމަލާގެ ސަބަބުން އަލިފާން ރޯވެ، ސްކޫލު ގޯތިތެރޭގައި ޖަހާފައި ހުރި ޓެންޓުތަކަށް އަލިފާން އަރައިގެން ދިޔައެވެ. މި ހާދިސާ ލޮލުން ދުށް މީހުންގެ ވީޑިއޯތަކުގައި އަނދައިގެން ދިޔަ ހަށިތައްފެނެއެވެ. އޭގެ ތެރެއިން ގިނައީ ކުޑަކުދިންނެވެ. އަދި އަލިފާނުގައި އަނދަމުންދިޔަ މީހުން އެދި ގޮވަމުންދިޔަ އަޑުތައްވެސް އިވެއެވެ.

އިޒްރާއިލުން ބުނެފައިވަނީ، ޣައްޒާ ސިޓީ ސްކޫލަށް ދިން ހަމަލާ އަމާޒުކުރެވުނީ 'ޓެރަރިސްޓުންނަށް' ކަމަށެވެ. އެއްވެސް ހެއްކެއް ހުށަހެޅުމެއް ނެތި، އިޒްރާއީލު މިލިޓަރީން އާދައިގެ މަތިން ބުނެފައިވަނީ، ޣައްޒާގެ ފަހުމީ އަލް-ޖަރޖާވީ ސްކޫލަކީ ހަމާސް އަދި ޕެލެސްޓީނިއަން އިސްލާމިކް ޖިހާދުގެ "ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއް" ކަމަށެވެ. ޝިން ބެޓް ސެކިއުރިޓީ އޭޖެންސީއާއެކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތަށް ތިބި ސްކޫލް-ޝެލްޓަރ "ޓެރަރިސްޓުން ބޭނުންކުރަމުން ގެންދިޔައީ އިޒްރާއިލްގެ އާންމުންނާއި [ސިފައިންނަށް] ޓެރަރިސްޓް ހަމަލާތައް ރޭވުމަށާއި އިންޓެލިޖެންސް އެއްކުރުމަށް" ކަމަށެވެ. 

މަދުވެގެން 30 މީހުން ޝަހީދުކޮށްލައި އަންދާލި ނަމަވެސް، އެ ބަޔާނުގައި ބުނެފައިވަނީ "އާންމުންނަށް ގެއްލުން ލިބުމުގެ ރިސްކް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުނު" ކަމަށެވެ. 

2023 ގައި ހަނގުރާމަ ފެށުނީއްސުރެ، މަޖުބޫރުން ގެދޮރު ދޫކޮށް ދާންޖެހުނު އާންމުން ހިމާޔަތަށް ތިބި މިފަދަ އެތައް ސަތޭކަ ތަންތަނަށް އިޒްރާއީލު މިލިޓަރީން ވަނީ ބޮން އަޅާފައެވެ.

އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގާތްގަނޑަކަށް ހުރިހާ ރައްޔިތުން ހިޖުރަކުރަން މަޖުބޫރުވެ، 54،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު އޮތޯރިޓީތަކުން ބުނެއެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS