ދުނިޔެ
ނަތަންޔާހޫ އަކީ ފެއިލްވެފައި ހުރި ކޮރަޕްޓް ބޮޑުވަޒީރެއް: އިޒްރާއިލްގެ އިދިކޮޅު ލީޑަރ

އިޒްރާއީލްގެ ލެފްޓް-ވިންގް ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު ޔައިރް ގޮލަން
އިޒްރާއިލްގެ ބޮދުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ފެއިލްވެފައިހުރި ކޮރަޕްޓް ބޮދުވަޒީރެއް ކަމަށް އިޒްރާއީލްގެ ލެފްޓް-ވިންގް ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު ޔައިރް ގޮލަން ބުނެފިއެވެ.
ޔައިރް ގޮލަން ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އޭނާގެ ފާޑުކިޔުންތައް ނަތަންޔާހޫއަށް އަމަޒުކޮށްފައިމިވަނީ އޭނާގެ ސަރުކާރުގައި ހިމެނޭ އަލްޓްރާ-އޯތޮޑޮކްސް ޕާޓީތަކަށް ފައިދާވާގޮތަށް ބަޖެޓް ހުށަހެޅުމަށް ރާވަމުންދާކަމަށް ލިބިފައިވާ މައުލޫމާތުތަކާ ގުޅިގެންނެވެ.
އެކްސް ގައި ކުރި ޕޯސްޓެއްގައި ގޮލަން ބުނެފައިވަނީ "ސިފައިންނާއި ރިޒާވިސްޓުން ޣައްޒާއަށް ފޮނުވަމުންދާއިރު، ނެތަންޔާހޫ ވަނީ އެމީހުންގެ ޓެކްސް ފައިސާ ވަގަށްނަގައި، އަސްކަރީ ޚިދުމަތުން އެއްކިބާވާ އަލްޓްރާ-އޯތޮޑޮކްސް މީހުންނަށް ރިޝްވަތު ދިނުމަށް ބޭނުންކުރަމުންނެވެ." މިފަދައިންނެވެ.
“ނަތަންޔާހޫއަކީ އިހުމާލުވެފައިވާ، ކޮރަޕްޓް އަދި ފެއިލްވެފައިވާ ބޮޑުވަޒީރެއް. އޭނާ ވަނީ ހަމައެކަނި ބާރުގައި ދެމިހުރުމަށްޓަކައި ޚިދުމަތްކުރާ އަދި މަސައްކަތްކުރާ މީހުންގެ ޙައްޤުތައް ޤުރުބާންކޮށްލާފައި" ގޮލަން ބުނެފައިވެއެވެ.
ގޮލަން ބުނެފައިވަނީ އިދިކޮޅުން ނަތަންޔާހޫ ބޮދުވަޒީރުކަމުން ބާލާ، ބޮދުވަޒީރުގެ މަޤާމައް އެހެން މީހަކު ގެންނާނެކަމަށެވެ.
މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ އަލްޓްރާ-އޯތޮޑޮކްސް ޕާޓީތަކުގެ ތާއީދު ދެމެހެއްޓުމަށްޓަކައި އެފަރާތްތަކަށް ފައިދާވާގޮތަށް ބަޖެޓް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ. މިކަމަކީ އިޒްރާއީލްގެ ސިޔާސީ މަޝްރަހުގައި ބޮޑު ހަމަނުޖެހުމެއް އުފެދިފައިވާ މައްސަލައެކެވެ.
އިޒްރާއިލްގެ އާންމުންގެ ތެރެއިންވެސް ނަތަންޔާހޫއަށް އޮތް ތާއީދު ކުޑަވަމުންދާ ކަން އިޒްރާއިލްގައި އޭނާއާއި ދެކޮޅަށް ކުރެވޭ މުޒާހަރާތަކުން ދައްކުވައިދެއެވެ.