ދުނިޔެ

އިޒްރާއީލުގެ ވައިގެ ހަމަލާތަކުގައި މިއަދު މިހާތަނަށް 22 މީހުން ޝަހީދުވެއްޖެ

އިޒްރާއީލުގެ ވައިގެ ހަމަލާތަކުގައި މިއަދު މިހާތަނަށް 22 މީހުން ޝަހީދުވެއްޖެ

އިޒްރާއިލްގެ ހަމަލާއެއްގައި ޝަހީދުވި ބައެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 މޭ 2025، 04:43

25 މޭ 2025، 04:43

އިޒްރާއީލުން ރޭގެ ފަތިހު ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެހަމަލާތަކުގައި މަދުވެގެން 22 މީހުން ޝަހީދުވެފައިވާކަމަށް ޤުދުސްނެޓްވޯކުން ބުނެފިއެވެ.

 މި ހަމަލާތައް އަމާޒުކޮށްފައިވަނީ އާބާދީ ބޮޑު ސަރަހައްދުތަކަށާއި، ކުރިން ދިން ހަމަލާތަކުގައި އާއިލާގެ ގިނަ މެންބަރުން ޝަހީދުވެފައިވާ އާއިލާތަކެއް ދިރިއުޅެމުންދިޔަ ސަރަހައްދުތަކަށް ކަމަށް ޤުދުސް ނެޓްވޯކުން ބުނެއެވެ.

މެޑިކަލް ސޯސްތަކަށް ހަވާލާދީ ޤުދުސް ނެޓްވޯކުގައި ބުނެފައިވަނީ، އުތުރު ޣައްޒާގެ ޖަބާލިޔާ އަލް-ނަޒްލާގައި ހުރި ގެއަކަށް އިޒްރާއީލީ ހަނގުރާމަ މަތިންދާބޯޓަކުން ދިން ހަމަލާއެއްގައި ދަގާ އާއިލާގެ 7 މެންބަރުން ޝަހީދުވިއެވެ. 

މީގެ އިތުރުން، ހަސަން މަޖްދީ އަބޫ ވަރުދާ ނަމަކަށް ކިޔާ ނޫސްވެރިއަކާއި އޭނާގެ އާއިލާގެ އެތައް މެންބަރުންނެއް ހަމަ އެ ސަރަހައްދަށް ދިން އެހެން ހަމަލާއެއްގައި ޝަހީދުވިއެވެ.

މެދު ޣައްޒާގެ ދެއިރު އަލް-ބަލަހްގައި އަބޫ އަމްރާ އާއިލާގެ 5 މެންބަރުން ޝަހީދުވެފައިވެއެވެ. މަންޒަރުދުށް މީހަކު ބުނެފައިވާ ކަމަށް ޤުދުސް ނެޓްވޯކުގައި ބުނެފައިވަނީ އިޒްރާއީލީ ޑްރޯން ހަމަލާއެއްގައި އެ އާއިލާގެ މެންބަރުން ޝަހީދުވީ އެމީހުންގެ އެގޭ ކުރިމަތީގައި ހުއްޓާކަމަށެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 4 ޒުވާނުންނާއި އުމުރުން ދުވަސްވީ މީހަކު ހިމެނެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބަސަލް ވިދާޅުވި ގޮތުގައި، ގިނަ ޝަހީދުންގެ ހަށިތައް ވަނީ "ދެނެގަންނަން ނޭނގޭ ވަރަށް އަނދައިގެން ގޮސްފައެވެ." އަދި މީހުންސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ގައކުނޑިތައް ދަށުގައި ތިބި މީހުން ހޯދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އެކަން ނުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން، އެމެރިކާގެ އެހީތެރިކަމާއެކު އިޒްރާއީލުން ދަނީ ޣައްޒާގައި ޖަމާޢީ މަރުގެ ކެމްޕޭނެއް ހިންގަމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް 176,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ ނުވަތަ ޒަޚަމްވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 11,000 އަށްވުރެ ގިނަ މީހުން އަދިވެސް ވަނީ ގެއްލިފައެވެ.

 

 

 

 

 

 

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS