Ads by Stelco

ޚަބަރު

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލާ ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ފޯރަމްތަކެއް ބާއްވަނީ

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލާ ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ފޯރަމްތަކެއް ބާއްވަނީ

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަލްއުސްތާޛު ޢައްބާސް ޝަރީފު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2025، 04:37

25 މޭ 2025، 04:37

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ. އައްބާސް ޝަރީފް މިހެން ވިދާޅުވީ، މި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވުމަށް ރައީސް އޮފީހުގެ ދަރުމަވަންތަ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވި ގޮތުގައި، މި ބިލާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތަކުގެ ޑްރާފްޓް ތައްޔާރުކުރުމުގެ މަސައްކަތް ޕީޖީ އޮފީހުން މިހާރު ވަނީ ފަށާފައެވެ. އަދި މި ކަމާ ގުޅޭގޮތުން ދޭންޖެހޭ ތަމްރީނުތައްވެސް ކުރިއަށް ގެންދަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބިލު އަޅުގަނޑުމެން އަތަށް ލިބުނީއްސުރެ  3 މަސްތެރޭގައި ކުރަންޖެހޭ ކަންތައްތަކަށް ތައްޔާރުވަމުން މިހާރު މިދަނީ. އޮފީހުން ހަދަންޖެހޭ ގަވާއިދުތަކުގެ ޑްރާފްޓްގެ މަސައްކަތް ފެށިއްޖެ. އަދި އެއާ ބެހޭގޮތުން އަޅުގަނޑުމެން އޮފީހުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތަކުގެ ޕްރޮގްރާމްތައްވެސް މިހާރު ފެށިއްޖެ. މި ތަމްރީނުތަކުގެ  ތެރޭގައި ފުލުހުންނާ އެކުގައިވެސް ޕްރޮގްރާމްތަކެއް ކުރިއަށްދާނެ،" އައްބާސް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން، ބިލާ ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ފޯރަމްތަކެއް ބޭއްވުމަށް ޕީޖީ އޮފީހުން މަސައްކަތްކުރަމުންދާ ކަމަށާއި، ގިނަ ދުވަސްތަކެއް ނުވެ މި ފޯރަމްތައް ބާއްވައި ބިލުގައި ހުރި ކަންކަމާ ބެހޭ ގޮތުން އާންމުންނަށް މަޢުލޫމާތު ދެވޭނެ ކަމަށްވެސް އައްބާސް ޝަރީފް ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތަކީ ބަޔަކު ކުށްވެރިކުރުމަށް ކުރާ މަސައްކަތެއް ނޫނެވެ. ނަމަވެސް، ޤާނޫނުގައި އޮތް ގޮތް ބުނެދީ، ކުށް ނުކުރާ ބަޔަކު ރާއްޖޭގައި އުފެއްދުމަށް ކުރެވޭ މަސައްކަތެކެވެ. އަދި ޤާނޫނުގައި ހުރި ކަންކަމާއި، ކުރީގެ ޤާނޫނާއި މިހާރުގެ ޤާނޫނާ ހުރި ތަފާތުތައް އާންމުންނަށް އޮޅުންފިލުވައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާނެ ކަމަށްވެސް އައްބާސް ޝަރީފް ވިދާޅުވިއެވެ.
މި ބިލަކީ ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އަމާޒުކޮށްގެން އެކުލަވާލެވިފައިވާ ބިލެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS