ޚަބަރު
ގޭންގު ކުށްތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރާއްޖޭގައި ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި އެކުވެރި އަމާން މާޙައުލެއް ޤާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
"ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ" ބިލު ތަޞްދީޤުކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މާޙައުލުގައި ހިނގާ ނުރަނގަޅު ކަންކަމަށް މަގުފަހިކޮށްދޭ އެއް ކަމަކީ ގޭންގު ހަދައިގެން ކުށްކުރުން ކަމަށެވެ.
ރައީސް
އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެކުވެރި އަމާން މާޙައުލެއްގައި އުޅެން އަޅުގަނޑު އެދެނީ. އެންމެން ގުޅިގެން މަސައްކަތްކޮށްފިއްޔާ މައްސަލަތައް ހައްލު ކުރެވޭނެ
ރައީސް އިތުރަށް ވިދާޅުވީ ބަޔަކު ކުށްވެރި ކުރުމަށްވުރެ ބޮޑަށް އެމަނިކުފާނު އިސްކަންދެއްވަނީ ކުށުގެ މާޙައުލުން ހުރިހާ ފަރާތްތަކެއްވެސް ދުރުކުރުން ކަމަށެވެ. އަދި އެއްބައިވަންތަ އެކުވެރި މުޖުތަމަޢެއް ޤާއިމުކޮށް، ކުށުގެ މާޙައުލުން އެއްކިބާވެފައިވާ މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ހެދުމަށް ހުރިހާ ފަރާތްތަކެއްވެސް ގުޅިގެން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ މިސަރުކާރުގެ އެއްވެސް ވެރިއެއްގެ ފަރާތުން ނޫފުޒުގެ ބޭނުން ހިފައި، ގޭންގެއްގެ ބޭނުން ހިފާކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ޙަޤީޤީ މާނައިގައި އިޚުލާސްތެރިކަމާއެކު ރާއްޖޭގައި ކުށްކުރުން މަދުކުރުން ކަމަށް ވިދާޅުވިއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގޮތުން ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. އަދި ނުހައްޤުން މުއްސަނދިކަން ހޯދާ ފަރާތްތައް އަތުލައިގަތުމަށްވެސް މާއްދާތަކެއް ހިމަނާފައިވެއެވެ.