ޚަބަރު
ގޭންގު ކުށްތައް ހުއްޓުވުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ނުކުރީ ސިޔާސީ މަސްލަހަތަށް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ކުރީ ސަރުކާރުތަކަށް ގޭންގުތަކާ ދެކޮޅަށް ފިޔަވަޅު އެޅިފައިނުވަނީ ސިޔާސީ މަސްލަހަތު އިސްކޮށް، މައްސަލަ ހައްލުކުރުމުގެ ނިޔަތް ނެތުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ" ބިލު ތަޞްދީޤުކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ މިސަރުކާރުގެ އެއްވެސް ވެރިއެއްގެ ފަރާތުން ނޫފުޒުގެ ބޭނުން ހިފައި، ގޭންގެއްގެ ބޭނުން ހިފާކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ޙަޤީޤީ މާނައިގައި އިޚުލާސްތެރިކަމާއެކު ރާއްޖޭގައި ކުށްކުރުން މަދުކުރުން ކަމަށް ވިދާޅުވިއެވެ.
ރައީސް
ރާއްޖޭގެ މާޙައުލުގައި ހިނގާ ނުރަނގަޅު ކަންކަމަށް މަގުފަހިކޮށްދޭ އެއް ކަމަކީ ގޭންގު ހަދައިގެން ކުށްކުރުން. އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެކުވެރި އަމާން މާޙައުލެއްގައި އުޅެން އަޅުގަނޑު އެދެނީ. އެންމެން ގުޅިގެން މަސައްކަތްކޮށްފިއްޔާ މައްސަލަތައް ހައްލު ކުރެވޭނެ
ރައީސް ވިދާޅުވީ ބަޔަކު ކުށްވެރި ކުރުމަށްވުރެ ބޮޑަށް އެމަނިކުފާނު އިސްކަންދެއްވަނީ ކުށުގެ މާޙައުލުން ހުރިހާ ފަރާތްތަކެއްވެސް ދުރުކުރުން ކަމަށެވެ. އަދި އެއްބައިވަންތަ އެކުވެރި މުޖުތަމަޢެއް ޤާއިމުކޮށް، ކުށުގެ މާޙައުލުން އެއްކިބާވެފައިވާ މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ހެދުމަށް ހުރިހާ ފަރާތްތަކެއްވެސް ގުޅިގެން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގޮތުން ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. އަދި ނުހައްޤުން މުއްސަނދިކަން ހޯދާ ފަރާތްތައް އަތުލައިގަތުމަށްވެސް މާއްދާތަކެއް ހިމަނާފައިވެއެވެ.