ޚަބަރު
ޤައުމީ ޚިދުމަތުގެ ޕްރޮގުރާމްގައި ބައިވެރިވުމަށް 658 ފަރާތަކުން އެދިއްޖެ

އެމްއެންޑީއެފްގެ ޕެރޭޑްގެ ތެރެއިން ފޮޓޯ:އެމްއެންޑީއެފް
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގުރާމްގައި ބައިވެރިވުމަށް އެދި މިހާތަނަށް 658 ފަރާތަކުން ހުށައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ" ބިލު ތަޞްދީޤުކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ކުށުގެ މާޙައުލުން ކުޑަކުދިން ދުރުކުރުމަށް ސަރުކާރުން ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ޤައުމީ ޚިދުމަތުގެ ޕްރޮގުރާމް ކަމަށެވެ. މި ޕްރޮގުރާމުގެ ދަށުން ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިންނަށް ސިފައިންގެ ޚިދުމަތް މެދުވެރިކޮށް ތަމްރީންދެވި، ސިފަވަންތަ، އަޚުލާޤު ރަނގަޅު ބަޔަކު މުޖުތަމަޢަށް ނެރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މިޕްރޮގުރާމްގައި ބައިވެރައިވެރިވުމަށް އެދި ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހަށް ހަމަވާއިރު، މިހާތަނަށް 658 ފަރާތަކުން އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ 316 ކުއްޖަކު ބެލެނިވެރިޔާގެ ހުއްދައާއެކު މިޕްރޮގުރާމްގައި ބައިވެރިވާން އެދި ހުށައަޅާފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވެފައިވަނީ މިޚިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ފަރާތްތަކަށް ކަމަށެވެ. އަދި 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ހުށަހަޅާއިރު، ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ އިޤްރާރެއް ހުށަހަޅަންޖެހޭނެއެވެ. މީގެއިތުރުން، މިޕްރޮގުރާމުގައި ބައިވެރިވާ ފަރާތްތަކަކީ ޚިދުމަތްކުރެވޭނެ ފަދަ ޞިއްޙަތެއްގައި ތިބި ބައެއްކަން ކަށަވަރުކުރުމަށް މެޑިކަލް އެސެސްމަންޓެއް ހަދަންޖެހޭނެކަމަށްވެސް ދިފާޢީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.