ޚަބަރު
މުހިންމީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ހައްލު ހޯދުން, އެކަމަށް މިސަރުކާރުގެ ޕޮލިޓިކަލް ވިލް އޮންނާނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ހައްލު ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަމަށް މިސަރުކާރުގެ ޕޮލިޓިކަލް ވިލް އޮންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާތަނަށް ސަރުކާރުތަކުން ދުންފަތުގެ މައްސަލަތައް ފަދަ މައްސަލަތަކަށް ޙައްލުހޯދުމުގެ ސިޔާސީ ވިސްނުމެއް ގެންގުޅެފައިނުވާ ކަމަށެވެ. ނަމަވެސް، އެމަނިކުފާނަށް މުހިންމީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލު ހޯދުން ކަމަށާއި، އެކަމަށް މިސަރުކާރުގެ ޕޮލިޓިކަލް ވިލް އޮންނާނެކަމުގައި ވިދާޅުވިއެވެ.
މިއަދު ތަޞްދީޤުކުރެއްވި އިސްލާހުގެ ދަށުން، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާވެގެންދާނެއެވެ. މީގެ އިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ މެޝިނަރީއާއި އާލާތްތައް ރާއްޖެ އެތެރެކުރުމާއި ގެންގުޅުންވެސް މަނާކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ ޤައުމުގެ މުސްތަޤްބަލައްޓަކާ ކުރެވޭ މުހިންމު ބޮޑު ކަމެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަކީ އެންމެން ބަލައިގަންނަ، އެންމެންނަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ދެކުމަށް ރައްޔިތުންގެ ކިބައިން އެދިިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި އިޞްލާޙް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢު ބައިވެރިވާނަމަ، ޤައުމުގެ މުސްތަޤްބަލު ސަލާމަތްކުރެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. އަދި ޤައުމުގެ ކުރިމަގާއި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ތަރައްޤީގެ އަމާޒު ކަށަވަރުކުރުމުގައި މިބިލަކީ އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމުގައިވެސް ވިދާޅުވިއެވެ.
ދުންފަތުން ދުރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް ފެށި، އާންމުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ވިދާޅުވީ، ޤާނޫނު ތަންފީޒުކުރުމުގައި އަމާޒަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތްކޮށް، މަސްތުވާތަކެއްޗާ އެނޫންވެސް ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުންކަމަށެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.