Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު ދުންފަތް ކޮންޓްރޯލް ކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކަށް ޑަބްލިއު.އެޗް.އޯގެ ޚާއްޞަ އެވޯޑެއް

ރައީސް މުޢިއްޒު ދުންފަތް ކޮންޓްރޯލް ކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކަށް ޑަބްލިއު.އެޗް.އޯގެ ޚާއްޞަ އެވޯޑެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 މޭ 2025، 05:50

19 މޭ 2025، 05:50

ދުންފަތުގެ އިސްތިޢުމާލު ކޮންޓްރޯލް ކުރުމުގައި ކުރައްވާފައިވާ ހިތްވަރުގަދަ މަސައްކަތްޕުޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ)ގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްޞަ އެވޯޑު ލިބިވަޑައިގެންފައެވެ. މި އެވޯޑު ލިބިވަޑައިގެންފައިވަނީ ދުންފަތުގެ އިސްތިޢުމާލު ކޮންޓްރޯލް ކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ޒުވާނުން ދުންފަތުގެ ވަބާއިން ސަލާމަތްކުރެއްވުމަށް ތަޢާރަފުކުރެއްވި ވަކި ޖީލަަކަށް ދުންފަތް މަނާކުރުމުގެ ޤާނޫނުގެ ސަބަބުންނެވެ.

ވޯލްޑް ނޯ ޓޮބެކޯ ޑޭގައި މި އެވޯޑު އިޢުލާނުކުރުމާއެކު، ރާއްޖޭގައި ދުންފަތުން އެއްކިބާވެފައިވާ މުސްތަޤުބަލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރު ލިބިގެން ދިޔައެވެ. ރައީސް މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ޤާނޫނީ އިޞްލާޙުތަކާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކަށް ޑަބްލިއު.އެޗް.އޯއިން ވަނީ ތަޢުރީފުކޮށްފައެވެ.



ޖެނަރޭޝަން ބޭން ޤާނޫނުގެ ދަށުން ދުންފަތް ބޭނުންކުރުން މަނާކުރާނެ އުމުރު ކަނޑައެޅުމަށް، 3 އޭޕްރީލް 2025 ގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލު ހޯއްދަވާފައެވެ. މި ހޯދުމުގައި 2000 ވަނަ އަހަރު ނުވަތަ 2004 ވަނަ އަހަރު ނުވަތަ 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުން މަނާކުރުމަށް ހުށަހަޅުއްވާފައިވާއިރު، ގިނަ ރައްޔިތުން ތާއީދުކޮށްފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ.

ދުންފަތުގެ އިސްތިޢުމާލު ކޮންޓްރޯލް ކުރުމަށް ރައީސް މުޢިއްޒު އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށެއްގައާއި ސިޓީތަކުގައި ދުންފަތް ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ޤާއިމުކުރުމާއި، ދުންފަތް ދޫކޮށްލުމަށް ބޭނުންކުރާ ބޭސްތައް ހިލޭ ފޯރުކޮށްދިނުމާއި، ދުންފަތް ދޫކޮށްލުމަށް އެހީތެރިވެދޭ ޚިދުމަތްތައް ބަލިތަކުން ރައްކާތެރިވުމުގެ ޚިދުމަތްތަކުގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

މީގެ އިތުރުން، 13 ނޮވެމްބަރ 2024 ގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙު ރައީސް މުޢިއްޒު ވަނީ ތަޞްދީޤު ކުރައްވާފައެވެ. މި އިޞްލާޙުގެ ދަށުން އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕިންގ ޑިވައިސްތައް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާކުރެވި، ދުންފަތް ބޭނުންކުރުމުގެ ޤާނޫނީ އުމުރު 21 އަހަރަށް އުފުލާލެވި، މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައެޅިފައިވެއެވެ.

ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމާއި، ބައިނަލްއަޤްވާމީ ޞިއްޙީ ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރެއްވުމަކީ ރައީސް މުޢިއްޒުގެ ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުގެ މުހިންމު ބައިތަކެކެވެ. މި މަސައްކަތްތަކުގެ ސަބަބުން، ދުންފަތް ކޮންޓްރޯލް ކުރުމުގައި ރާއްޖެ ވަނީ ޑަބްލިއު.އެޗް.އޯގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ އިސް ޤައުމަކަށް ވެފައެވެ.

ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްޞަ އެވޯޑު ރައީސް މުޢިއްޒަށް ލިބިވަޑައިގަތުމަކީ، ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްތަކާއި، ދުންފަތުން އެއްކިބާވެފައިވާ މުސްތަޤުބަލެއް ބިނާކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅަށް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ.
                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS