ޚަބަރު
ވަޒީރު އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މެންބަރުންގެ އަޤުލަބިއްޔަތުން ބޭރު ކޮށްލައިފި

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން/ފޮޓޯ: އެޑިޝަން އެމްވީ
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްނުކޮށް މަޖިލީހުގެ މެންބަރުންގެ އަޤުލަބިއްޔަތުން މައްސަލަ ބޭރު ކޮށްލައިފިއެވެ.
މި މައްސަލައިގައި ވަޒީރުގެ އިތުބާރު ނެތްކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 54 ވޯޓާއެކު މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަޒީރު އަމީންގެ އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި މައްސަލައިގައި ވަޒީރުގެ މައްޗަށް ޖުމްލަ 7 ތުހުމަތެއް ކޮށްފައިވާއިރު، ވަޒީރު ވަނީ މި ހުރިހާ ތުހުމަތަކަށް ވެސް އިންކާރު ކުރައްވާފައެވެ. އަދި މި ތުހުމަތުތަކަކީ ހުސް ދޮގު ތުހުމަތުތަކެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު އަމީނުގެ މައްޗަށް އިތުބާރު ނެތްކަމަށް ބުނެ ކުރައްވާފައިވާ ތުހުމަތަކީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލާގައި ހިމެނޭ މީހުންނަށް އައިސްދާނެ އަދަބަކުން އެފަރާތްތައް ބަރީޢަކުރުމަށް ވަޒީރު މަސައްކަތްކުރެއްވުމެވެ. ހަމަ އެހެންމެ، މި މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކަކީ ވަޒީރު އަމީންގެ ޢާއިލީ ބައެއްކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި މިކަމާއި ގުޅިގެން ކުރިއަށްދާ ތަހުޤީގަށް ނުފޫޒު ފޯރުވުމަށްވެސް ވަޒީރު މަސައްކަތް ކުރައްވާކަމަށް ތުހުމަތުކޮށްފައިވެއެވެ.
ވަޒީރު މުޙައްމަދު އަމީން މި ތުހުމަތުތައް ދޮގު ކުރައްވާފައިވީ ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މި ތުހުމަތުތަކަކީ ރަނގަޅު ތުހުމަތުތަކެއްކަމަށް ވިދާޅުވެ، ވަޒީރުގެ އިތުބާރު ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.