Ads by Aqeeqa Maldives

ޚަބަރު / ކުޅިވަރު

ޕޮލިސް ކުލަބުން އިސްނަގައިގެން ފުޓުބޯޅަ އަދި ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ފަށައިފި

ޕޮލިސް ކުލަބުން އިސްނަގައިގެން ފުޓުބޯޅަ އަދި ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ފަށައިފި

ޕޮލިސް ކުލަބުން އިސްނަގައިގެން ފުޓުބޯޅަ އަދި ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ފުލުހުން

15 މޭ 2025، 06:52

ޕޮލިސް ކުލަބުން އިސްނަގައިގެން ފުޓުބޯޅަ އަދި ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ފަށައިފި އެވެ.

މި ކޯހަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ފުޓްސަލް އަދި ފުޓްބޯލް ރެފްރީން ތަމްރީނު ކުރުމަށް ގެންދާ ކޯހެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މި ކޯހުގައި 35 ފުލުހަކާއި، ޤައުމީ ދިފާއީ ބާރުގެ 2 މުވައްޒަފެއްގެ އިތުރުން، ޢާންމު ފަރާތަކުން ވެސް ބައިވެރިވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރެފްރީން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ މި ކޯސް ފެށްޓުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ޕޮލިސް ކްލަބުގެ ރައީސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ. ހަމަ އެހެންމެ، މި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ އިސްވެރިންނާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ރެފްރީންގެ ކަންތައް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ މުޙައްމަދު އަމީޒުއާއި، މުޙައްމަދު ސަޢީދުގެ އިތުރުން، ރެފްރީން ތަމްރީނުކުރުމުގައި އިސްދައުރެއް އަދާކުރައްވާ އަޙުމަދު އަމީޒުއާއި، ކޯހުގެ މުދައްރިބުން ބައިވެރިވެފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިސް ކްލަބުގެ ރައީސް ވިދާޅުވީ، ކުޅިވަރު މުބާރާތްތަކުގައި ވާދަކުރުމާ އެއްވަރަށް ރެފްރީންނާއި އަމްޕަޔަރުން ތަމްރީނުކުރުމުގައި ވެސް ކުލަބުން ޚާއްޞަ އިސްކަމެއްދޭ ކަމަށެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް ތަފާތު ކުޅިވަރުތަކުގެ ރެފްރީންނާއި ކޯޗުން ބިނާކުރުމަށް ކޯސްތައް ކުރިއަށް ގެންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި ކޯސްތައް ފުރިހަމަކުރާ ބައެއް ބައިވެރިންގެ ފަރާތުން އެންމެ އެދެވޭ ގޮތެއްގައި ޢަމަލީ މައިދާނުގައި ކުރިއަށް ނުދާކަން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ކޯސް ފަރުމާ ކުރެވިފައިވަނީ އިންޑޯރ ކްލާސްތަކާއި ފީލްޑް ކްލާސްތައް ހިމަނައިގެން ކަމަށެވެ. އެހެންކަމުން، އިންޑޯރ ކްލާސްތަކުގައި ފުޓްސަލް އަދި ފުޓުބޯޅައިގެ ޤަވާއިދުތަކުގެ އިިތުރުން، ރެފްރީއެއްގެ ކިބައިގައި ހުންނަން ޖެހޭ މުހިންމު ސިފަތައް ކިޔައިދެވިގެންދާނެއެވެ. ހަމަ އެހެންމެ، ނިންމުންތައް ނިންމާއިރު ރެފްރީން ވިސްނަންޖެހޭ މުހިންމު ބައިތައް ވެސް މި ބައިގައި ދަސްކޮށްދެވޭނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ފީލްޑް ކްލާސްތަކުގައި ފިޒިކަލް ފިޓްނަސް ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ގޮތްތަކާއި، މެޗަކަށް ތައްޔާރުވާއިރު ކުރަންޖެހޭ ކަންކަން ދަސްކޮށްދެވިގެން ދާނެއެވެ. ހަމަ އެހެންމެ، ރެފްރީކަން ކުރާއިރު ބޭނުންކުރާ ހަރަކާތްތައް މިބައިގެ ތެރެއިން ދަސްކޮށްދެވިގެންދާނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ކޯސް ކުރިއަށްދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS