ޚަބަރު
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި

ލަންދޫ އޭޓީއެމް ހުޅުވުން/ފޮޓޯ: ބީއެމްއެލް
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.
ލަންދޫގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ. މި ރަސްމީއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ލަންދޫގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، މިހާތަނަށް އޭޓީއެމް ޚިދުމަތް ފެށިފައިވާ ރަށްތަކަށް ބަލާއިރު މި ޚިދުމަތަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަވާ ކަމަށެވެ. ހަމަ އެހެންމެ، ރަށްރަށުގައި އޭޓީއެމް ޚިދުމަތް ފެށުމަކީ، ރައްޔިތުންނަށް ލިބޭ ފަސޭހައެއްކަން ވަޒީރު ވަނީ ފާހަގަކުރެއްވާފައެވެ.
މީގެ އިތުރުން މިރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ އިތުރުން، އޭޓިއެމް ބެލެހެއްޓުމުގެ މަސައްކަތްތައް ވެސް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ބޭންކުގެ މުޢަމަލާތްތައް ކުރުމުގައި މަައްސަަލަ ދިމާވާ ފަހަރު ކުރިއާއި އަޅާބަލާއިރު ވަރަށް މަދު ކަމަށް ސީއީއޯ ވަނީ ވިދާޅުވެފައެވެ.
ލަންދޫ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން އިޤްތިޞާދީ ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ. ލަންދޫގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.