ޚަބަރު
ކުޑަ ކުއްޖަކު އުރައިގެން މަގު ހުރަސްކުރި އަންހެނެއް ގައިގައި ސައިކަލުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް!

ކުރިން ހިނގާފައިވާ އެކްސްޑެންޓެއް/ފޮޓޯ: އަވަސް އެމްވީ
ހުޅުމާލޭ ނިރޮޅުމަގުގައި ކުޑަ ކުއްޖަކު އުރައިގެން މަގު ހުރަސްކުރި އަންހެނެއް ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލަ މިއަދު ހެނދުނު 9:32 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ވާއަތު ކޮނޑުހުޅުން ބިންދާގައިގެންގޮސް، ކަނާތު ފައިތިލަ މަތި މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ހުރަސްކުރި އަންހެން މީހާގެ ވާއަތު އުޅަނބޮށި މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގައި ހިމެނޭ ކުޑަ ކުއްޖާގެ ބޯ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އަދި މިއީ 1 އަހަރާއި 8 މަހުގެ ކުޑަ ކުއްޖެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މި އެކްސިޑެންޓުގައި ހިމެނޭ 3 މީހުންނަށް ވެސް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.